ނަރުހުން މުޖުތަމައަށް ކުރަމުން އަންނަ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މި ރަން ބާއްވާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 04:00 އިން ފެށިގެން ހަވީރު 06:00 އަށެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 1 ކޭ އަދި 3.5 ކޭ ކެޓަގަރީއަށް ބަހާލައިގެންނެވެ.
މި ހަރަކާތުގައި އޭއީއެޗްގެ ގިނަ އަދަދެއްގެ އިދާރީ މުވައްޒަފުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި ނަރުސްކަން ކިޔަވަމުން އަންނަ ދަރިވަރުންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. ކަލަ ރަންގެ ސަލާމަތީ ކަންކަން ބަލަހައްޓާފައި ވަނީ އެމްއެންސީސީގެ މުދައްރިބުންނާއި ކެޑޭޓް ވޮލެންޓިޔަރުންނެވެ.
އޭއީއެޗްގެ ނާސިން ޑިޕާޓްމަންޓުން ބުނީ ނަރުހުންނަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު އިސް ދައުރެއް އަދާކުރަމުން އަންނަ ފަންނީ މަސައްކަތްތެރިންތަކެއް ކަމަށެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ތެރޭގައި އެންމެ ގިނައީ ނަރުހުން ކަމަށް ވެސް އޭއީއެޗްގެ ނަރުހުން ބުނެ އެވެ.
ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ނަރުހުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންކަން ފާހަގަކޮށް އޭއީއެޗްގެ ނަރުހުންގެ ޑިޕާޓްމަންޓުން ބުނި ގޮތުގައި ސިއްހީ ލަނޑުދަނޑިތައް ހާސިލުކުރަން ސިއްހީ ދާއިރާއަށް ދެމެހެއްޓެނެވި ތަރައްގީ ގެންނަން ނަރުހުންގެ ހިއްސާ ވަރަށް ބޮޑު ކަމުގަ އެވެ.