ރާއްޖޭގައި އައިވީއެފް ހެދުމުގެ ހިދުމަތް ދެނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.
އެ ހޮދސްޕިޓަލްގައި އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދަރިފުޅު ވިހާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި ދެމައިންގެ ހާލު ރަނގަޅުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އުމުރުން 36 އަހަރުގެ މީ މީހަކީ މީގެ ކުރިން ރާއްޖެ އިން ބޭރުން ހަތަރު ފަހަރަށް އައިވީއެފް ހެދި މީހެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެެއެވެ.
އެ ހޮސްޕިޓަލްގައި ހެދި އައިވީއެފް ދެވަނަ ދަރިފުޅުވެސް އިއްޔެ ވަނީ ވިހާފައެވެ. ދެވަނައަށް ވިހާފައިވަނީ އުމުރުން 33 އަހަރުގެ އަންހެނެކެވެ. މިމީހާގެ ސިއްހީ އިތުރު މައްސަލަތައް ހުރުމުން އެ މީހާގެ ހާލަތު ވަރަށް ކައިރިން މޮނީޓާކުރަމުންދާކަމަށްް ޓްރީޓޮޕުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގައި އައިވީއެފް ހިދުމަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ފުރަތަމަ ބެޗުގައި 16 މީހަކު އައިވީއެފް ހެދިއެވެ. އަދި އޭގެތެރެއިން 6 މީހަކު ބަނޑު ބޮޑުވިކަން ޓްރީޓޮޕުން އިއުލާންކުރިއެވެ.
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އައިވީއެފް ފަރުވާއަށް އާސަންދައިން ހިލޭ އެހީ ދޭން ސަރުކާރުން ވަނީ ނިންމާފަެއެވެ. އަދި އެކަމަށް އެދުމށް ހުޅުވާލި ފުރުސަތު އަންނަ ޖުލައިމަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
އެންސްޕާއިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެދޭ ފޯމު އެ އެޖެންސީގ އަދި އާސަންދަ ކައުންޓަރުން ލިބެން ހުންނާނެކަމަށެވެ. އަދި aasandha.mv އަދި nspa.gov.mv ވެބް ސަައިޓް މެދުވެރިކޮށްވެސް ލިބެން ހުންނާނެކަމަށެވެ.