ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހަލީލް ވިދާޅުވީ، ކުރީގެ ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓްތައް އެކި ފަރާތްތަކާ ހަވާލުކޮށްފައި ހުރި ކަމަށެވެ. އޭގެ ތެރޭގައި 30 އެނދު އަދި 50 އެނދުގެ ހޮސްޕިޓަލް ހިމެނެ އެވެ.
ނަމަވެސް، ކުރީގެ ރައީސް އިބޫގެ ވެރިކަން ނިމުނުއިރު އޭގެ ގިނަ މަސައްކަތްތަކެއް ނުފެށެ އެވެ.
މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް "ފެންސީ" ކޮށް ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ ޑިޒައިންތައް ބަދަލު ކުރާނީ ހަރަދު ކުޑަކޮށް ނަމަވެސް ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ލިބޭނެހެން ކަމަށް ވިދާޅުވި އެވެ.
ހަލީލް އިތުރަށް ވިދާޅުވީ، ކުރަހާފައި ހުރި ކުރެހުންތައް ރީޑިޒައިންކޮށް، ދައުލަތަށް ވެސް އަދި އާއްމުންނަށް ވެސް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރު އެވޯޑް ކޮއްފައިހުރި މަޝްރޫއުތަކަށް ހޮސްޕިޓަލްތަކުގެ ކުރެހުމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން، މިހާރު ހުރި ޑިޒައިންތަކުގެ ތެރެއިން 50 އެނދުގެ ހޮސްޕިޓަލެއް އަޅާނަމަ 185 މިލިޔަން ރުފިޔާ ހޭދަވާ ކަމަށާއި، އަދި 30 އެންދުގެ ހޮސްޕިޓަލް ތަކަށް 95 ނުވަތަ 35 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑިޒައިނަށް ގެންނަ ބަދަލަކާ އެކު، އަގުތަކަށް ވެސް ވަރަށް ބޮޑު ބަދަލެއް އާދެ އެވެ. އެހެންވެ، ދައުލަތަށް ހަރަދު ކުޑަވާ ގޮތަށް އަދި އާންމުން ބޭނުންވާ ހިދުމަތްތަތަކަށް ފެތޭ ގޮތަށް މި ސަރުކާރުން އާ ހޮސްޕިޓަލްތަކުގެ ޑިޒައިން ބަދަލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ވަނީ ވަރަށް ގިނަ ރަށްރަށުގައި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް އަޅަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ގިނަ މަޝްރޫއުތަކުގެ މަސައްކަތް ހުރީ ނުފެށި އެވެ. އޭގެ އެއް ސަބަބަކި، ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ފައިސާ ހަމަނުޖެހެނީސް ހަވާލުކޮށްފައި ހުރުމުން ކަމަށް ކުރީން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.