31 ވަނަ ބައި(ޝަކުވާ)
"އާނ! މާމާ. މިއަދު ކުއްލިއަކަށް ކަމެއް ދިމާވީމަ ލަސްވީ." ކައިރިއަށް އަންނަމުން ނަވްޔާ ބުންޏެވެ.
"އެހެންތަ؟ ކިހިނެއްވީ އަނެއްކާ؟" އަމީނާ އެހިއެވެ.
"އުނހު، އެ ވާހަކަ ދައްކާނީ ފަހުންދޯ. އިހަށް ދޭ ފެންވަރާ ނަމާދުކޮށް ހަދަން." ނަވްޔާއަށް އެއްޗެއް ނުބުނެވީސް އަނެއްކާ ވެސް އަމީނާ ބުންޏެވެ.
"މާމާ، ކޮބާ ކުދިވެރިން؟" ނަވްޔާ އަހައިލިއެވެ.
"ދަރިފުޅު ނައިސްގެން އުޅެން ފެށީމަ މިޝާ ހިނގައްޖެ އަކްޔަން ގޮވައިގެން ޕާކަށް. މާކިން ނުދިޔަ. ބުނީ ޕާކަށް ދާ ވަރަށް ވުރެ މިހާރު ބޮޑުވެއްޖެޔޯ." އަމީނާ ބުންޏެވެ.
'އެހެންތަ؟ ބާރަ އަހަރުވީމަ ބޮޑުވީ ދޯ. ތި ވާނީ ގޭމްކުޅެން ވެގެން ނުދިޔައީ ކަމަށް." މަތީބައިގެ ބެލްކަންޏަށް ބަލައިލަމުން ނަވްޔާ ބުންޏެވެ.
ހިނިތުންވެފައި ހުރެ ނަވްޔާ މައްޗަށް އަރަން ދިޔައެވެ. ވަށް ސިޑީގެ ހަރުފަތްތަކުން އަރަމުން ދިޔައިރު ނަވްޔާ ހީކުރި ގޮތަށް މަތިން ވީޑިއޯ ގޭމްގެ އަޑު އިވެމުން ދިޔައެވެ. މަތީބައިގެ ސިޓިންގްރޫމްގައި އަޅާފައި އޮތް ދޫލަމަތީގައި މާކިން ނިކަން ހަމަޖެހިލައިގެން އިނެވެ. އެ ގަޑީގައި ވެސް އިނީ އިސްތަށިގަނޑުގައި ޖެލް ހާކައި ސްޓައިލްކޮށްލައިގެންނެވެ. ކުޅުމަށް ގެއްލިފައި އިންވަރުން ނަވްޔާ އައިސް ކައިރީގައި ހުއްޓުނު ކަމެއް ވެސް މާކިންއަކަށް ނޭނގުނެވެ. މާކިންގެ އިސްތަށިގަނޑު ނަވްޔާ ހާވައިލިއެވެ. އެއާ އެކު ސިހިފައި މާކިން ބަލައިލިއެވެ.
"ދައްތާ!" ބޯ ހޭވުނީމަ ހިތްހަމަ ނުޖެހިފައި މާކިން ގޮވައިލިއެވެ.
ނަމަވެސް ދާދި އަވަހަށް ކުލަވަރު ބަދަލުކޮށްލާފައި ލަސްވީ ކީއްވެތޯއާއި ކައިގެންތޯ ހުރީ އަހައިފިއެވެ. މާކިންގެ އެ އަޅާލުން ފެނިފައި ނަވްޔާއަށް ހިނިތުންވެލެވުނެވެ. މާކިންއަކީ އަބަދު ވެސް އެންމެންނަށް އަޅާލައި އެހެން މީހުންގެ އިހުސާސްތަކަށް ޤަދަރުކުރާ ކުއްޖެކެވެ. ނަވްޔާ ޖަވާބު ދީފައި އިތުރަށް އެއްޗެއް ނުބުނެވެނީސް މާކިން އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.
"ނަމާދުކޮށްފިން. ގުރުއާން ކިޔަވައިފިން، ފިލާވަޅު ހަދައިފިން." އިނގލި މަޅަމުން ފައްޗަކަށް މާކިން އަމުނައިލިއެވެ.
ނަވްޔާގެ ގާތަށް ހިނިއައެވެ. ކޮންމެ ދުވަހަކު އޮފީހުން އައިސްފައި ނަވްޔާ އަހާ ސުވާލުތަކަށް މާކިން ކުރީބައިގައި ޖަވާބު ދިނީމައެވެ.
"ހާދަ ރަނގަޅޭ. އެކަމަކު އެހާ ގިނައިރު ގޭމް ނުކުޅޭނެ އިނގޭ." ނަވްޔާ ބުންޏެވެ.
"އޯކޭ." މާކިން ބޯ ޖަހާލައިފައި އަނެއްކާ ވެސް ކުޅެން ފެށިއެވެ.
ފެންވަރާ ނަމާދުކޮށްގެން މާކިން ގޮވައިގެން ނަވްޔާ ތިރިއަށް ފޭބިއެވެ. އިރުކޮޅަކުން އަކްޔަންމެން ވެސް އަތުވެއްޖެއެވެ.
"މަންމީ!" ނަވްޔާ ފެނުމުން އުފަލުން އަކްޔަން ގޮވައިލިއެވެ.
އަކްޔަންގެ މޫނުމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމާ އެކު އެއް ކޮލުން އަޑި ކޮޅެއް ފާޅުވިއެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅުން އިތުރަށް އެ ތުއްތު މޫނު ވަށްކަމަށް ދައްކައެވެ. ދާހިއްލާ ފޯވެފައިވާ ހުރެގެން އަކްޔަން އައިސް ނަވްޔާގެ ގައިގައި އޮޅުލައިގަތެވެ.
ނަވްޔާ ވެސް އަކްޔަން ގަޔާ ކައިރިކޮށްލީ ލޯބިން ފުރިގެންވީ ހިތަކާ އެކުއެވެ. އަކްޔަން ފެނުމުން ބައެއްފަހަރު ހައްޔާންގެ އަނިޔާވެރިކަން ހަނދާންވެ، ހިތަށް އުނދަގޫވި ނަމަވެސް އަކްޔަން ދެކެ ހިތާ ފުރާނައިން ނަވްޔާ ލޯބިވެއެވެ. އެއީ ކުށެއް ނެތް އެ ދަރިފުޅު ބަނޑުގައި އޮވެ ފުރަތަމަ ފަހަރަށް ތޮޅެލުމާ އެކު އުފެދުނު މަތިވެރި އިހުސާސެކެވެ.
"އަކޫ ފަހަތުން ދުވެދުވެ ދޮންތަ ވަރުބަލި ވެއްޖެ." މިޝާ މާނޭވާ ލަމުން ބުންޏެވެ.
ނަވްޔާ އިސް އުފުލައި މިޝާއަށް ބަލައިލިއެވެ. މިޝާގެ އިސްކޮޅުގައި ފަސްފޫޓު ވެސް ނުހުރެއެވެ. ހުންނަނީ ވެސް އެހާ ހިކިކޮށެވެ. އުމުރުން 19 އަހަރު ވިޔަސް ބަލާބެލުމަށް މިޝާ ހީވަނީ 16 އަހަރުގެ ކުއްޖެއްހެންނެވެ. ކުރުކޮށް ކޮށާލައިފައިވާ އިސްތަށިގަނޑު މައްޗަށް އައްސާލައިފައިވީ އިރު އޮމާން މޫނުމަތީގައި ދާ ތިކިތައް ވިދައެވެ. ހިނިތުންވުމުގެ ސަބަބުން ލޮލުގެ ވިދުން އިތުރުވެފައިވިއެވެ.
"އެސައިންމެންޓު ނިމުނީތަ ޕާކަށް ތި ދިޔައީ؟" ނަވްޔާ އެހިއެވެ.
"ނިމިއްޖެ. އެކަމަކު ދައްތަ މިރޭ ޗެކްކޮށްލަ ދެއްޗޭ. މެއިލްކޮށްލިން މިއަދު." މިޝާ ބުންޏެވެ.
"ނަވްޔާ ބޯ ޖަހައިލިއެވެ. އަދި އަތްފައި ދޮވެގެން ސައިބޯން އަންނަން ބުންޏެވެ. އަކްޔަން ގޮވައިގެން މިޝާ ދިޔުމުން ނަވްޔާ ކާގެއަށް ދިޔައެވެ. އޭރު އެގޭގައި ކައްކައިދީ ކަންތައް ކޮށްދޭން އުޅޭ ފާއިޒާއާއި އަމީނާ ސައިހެދުމުގައި އުޅެއެވެ. ނަވްޔާ ވެސް އަވަސްއަވަހަށް އަތްގާތް ކޮށްދޭން ފެށިއެވެ.
"ދަރިފުޅު އިށީނދެބަލަ ސައިބޯން. މި ނިމުނީއޭ މިހާރު." އަމީނާ ބުންޏެވެ.
އޮފީހުން ގެއަށް އަންނަ ގޮތަށް މަސައްކަތް ކުރަން ނުފެށުމަށް ކިތަންމެ ވަރަކަށް އަމީނާ ބުންޏަސް ކަމެއް ނުކޮށް ހުންނަން ނަވްޔާއަށް އުނދަގުލެވެ.
"މިއީ އެ ވަރުގެ ކަމެއް ނޫނެއްނު މާމާ." ނަވްޔާ ބުންޏެވެ.
އެރޭ އަކްޔަންއާއި މާކިން ނިދުމުން މިޝާގެ ކޮޓަރިއަށް ނަވްޔާ ދިޔައެވެ. ކޮޓަރި ފާރުގައި އަޅިކުލައާއި ހުދުކުލަ ލާފައިވާއިރު ފަރުނީޗަރު ހުރީ ހުދާއި ފިޔާތޮށިކުލައިންނެވެ. މޭޒުމަތީގައިވާ ފޮތްތަކާއި ގަނޑުތައް ތަރުތީބެއް ނެތި ހުރި ނަމަވެސް ކޮޓަރި ތެރެ ސާފުވެފައި ރީއްޗެވެ. މިޝާ އޮތީ ފޯނު ހިފައިގެން އެނދުމަތީގައި އޮށޯވެގެންނެވެ. ނަވްޔާ ފެނުމުން މިޝާ ތެދުވެ ފޯނު ބޭއްވިއެވެ. އަވަސްއަވަހަށް ލޯ ފުހެލި ގޮތުން ނަވްޔާ ކަންބޮޑުވެފައި ބަލައިލިއެވެ.
"ކިހިނެއްވީ މިޝް؟" އެނދުގައި އިށީންނަމުން ނަވްޔާ އެހިއެވެ.
"ކަމެއް ނުވޭ." އިސްދަށަށް ޖަހައިލަމުން މިޝާ ބުންޏެވެ.
"އެހެންތަ؟ ދެން މިއީ ކޮން ކަރުނައެއް؟" މިޝާގެ މޫނު އުފުލައިލަމުން ނަވްޔާ އެހިއެވެ.
މިޝާ ފޯނުން ބަލަން އޮތް ވީޑިއޯ ނަވްޔާއަށް ދައްކައިލިއެވެ. އެހީއަށް އެދި ކޮށްފައިވާ އެ ވީޑިއޯގައި ފެންނަމުން ދިޔައީ ބަނޑުހައިވެފައިވާ ކުދިންތަކެކެވެ.
"މި ކުދިން ފަދައިން ކާނެ އެއްޗެއް ނެތިގެން އަހަރެމެން ދެބެން އޭރު އުޅުނު ހާލު ހިތަށް އަރަނީ. މާކިން ބަނޑުހައިވެގެން ރޯންފެށީމަ ފެނަށް ހަކުރު އަޅާފަ ކިތަންމެ ރެއަކު ދެން. ދައްތަ އަހަރެމެންގެ ދިރިއުޅުމަށް ނައިނަމަ އަހަރެމެން މިހާރު އުޅޭނެ ހާލެއް ވެސް ނޭނގޭ. މި ކުދިންނަށް އެހީވާން ބޭނުން އެކަމަކު ކޮށްދެވޭނީ ކޮންކަމެއް ބާވައޭ ހިތަށްއަރާ." މިޝާ ބުންޏެވެ.
މިޝާ ހަމައަކަށް އަޅުވަން އެތައް ވާހަކައެއް ނަވްޔާ ދެއްކިއެވެ. މާޒީގެ ދުވަސްތަކުން އިބަރަތް ހޯދައިގެން މުސްތަގުބަލު އުޖާލާކުރުމަށް މަސައްކަތް ކުރުމަށް ނަސޭހަތް ދިނެވެ. މާތްﷲއީ ހާލަތު ބަދަލުކުރެއްވުމަށް ކުޅަދުންވަންތަ އިލާހުކަމަށާއި އަޅުންނަށް އޮތީ މަސައްކަތްކުރުން ކަމަށް ވިސްނައިދިނެވެ. ގޮތް ހުސްވާހެން ހީވާ ވަގުތުތަކުގައި ވެސް އޮތީ އުންމީދު ކަނޑާނުލާ ދުޢާކުރުން ކަމަށާއި މާލީ އެހީވުމުގެ އިތުރުން އެ ކުދިންނަށް ޓަކައި ވެސް ދުޢާކޮށްދެވޭނެ ކަމަށް ނަވްޔާ ބުންޏެވެ.
މިޝާގެ ވާހަކަތަކުން ނަވްޔާއަށް ވެސް އަސަރުކުރިއެވެ. މިޝާއާއި މާކިންއަކީ ހަކީމުގެ ދެ ކުދިންނެވެ. ހަކީމުގެ ކުރިން ދެ ކުދިން ތިބޭކަން ނަވްޔާއަށް އެނގުނީ އެ ރަށަށް ދިޔަ ފަހުންނެވެ. މާޒީގެ ދުވަސްތައް މަތިން ހަނދާންކޮށްފައި ނުރޯން މިޝާއަށް ނަސޭހަތް ދިންނަމަވެސް ބައެއް ފަހަރު ނަވްޔާއަށް ވެސް އެ ދުވަސްތައް މަތިން ހަނދާންވެފައި އިނދެވެއެވެ. ނަވްޔާއާއި އެ ދެ ކުދިން ތަޙައްމުލު ކުރަމުން ދިޔަ ހިތްދަތި އެ ދިރިއުޅުމުން މިންޖުވެވުނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. މާތްﷲގެ ރަހުމަތްފުޅުން އާއިލާގެ މީހުންނާ ދިމާވެ ލޯތްބާއި އަޅާލުން ނަވްޔާއަށް ލިބެން ފެށީ ޝުކުރުން ހިތް ފުރޭހާ ބޮޑަށެވެ. އަމީނާގެ ހިޔާވަހިކަން ނުލިބުނު ނަމަ ވާނެ ގޮތް އަންދާޒާކޮށްލަން ވެސް ނަވްޔާއަށް ދައްޗެވެ.
މިޝާ ނިދަން އޮށޯތުމުން ނަވްޔާ ދެން ދިޔައީ އަމީނާގެ ގާތަށެވެ. އެއީ ނަވްޔާގެ ކޮންމެ ރެއެއްގެ ވެސް އާދައެވެ. ކުދިން ނިދުމުން އަމީނާގެ ކައިރިއަށް ގޮސް ކުދިކުދި ކަންތައް ކޮށްލައިދީ ވާހަކަދައްކަން ކޮންމެ ރެއަކު ވެސް އިނދެލެވުމުން ނަވްޔާގެ ހިތަށް އުފާވެރިކަން ލިބެއެވެ.
"މިރޭ މާ ލަސްވީ ދޯ މާމާ." ކޮޓަރިއަށް ވަދެފައި ނަވްޔާ ބުންޏެވެ.
"ނޫނޭ ލަހެއް ނުވޭ. އެކަމަކު ދެން މިރޭ ތެޔޮ އުނގުޅާނެ ކަމެއް ނެތް." އަމީނާ ބުންޏެވެ.
"ތެޔޮ އުނގުޅަން ވާނެ. އޭރުން މާމައަށް ފަސޭހައިން ނިދޭނީ." ތެޔޮފުޅި ހިފައިގެން އައިސް އަމީނާގެ ކައިރީގައި އިށީންނަމުން ނަވްޔާ ބުންޏެވެ.
އަމީނާގެ ފައިގައި ތެޔޮ އުނގުޅަމުން، މިއަދު އޮފީހުގައި ދިމާވި ކަންތަކުގެ ވާހަކަދައްކަމުން ނަވްޔާ ދިޔައެވެ. ހިނިއައިސްފައި ނަވްޔާއާ ދިމާއަށް ބަލަން އަމީނާ އިނެވެ. ނަމަވެސް ދާދި އަވަހަށް ފެންކަޅިވީ ހިތަށް އެރި އެއްޗަކުންނެވެ. އަމީނާ އަނގައިން ނުބުނެ އިންނަން ފެށުމުން ނަވްޔާ އިސް އުފުލައި ބަލައިލިއެވެ. އަދި ކިހިނެއްވީ ތޯ އަހައިލިއެވެ.
"މިހިތަށް އަރަނީ މީގެ 7 އަހަރު ކުރިން ދަރިފުޅު ދުނިޔޭގައި ހުރިކަމެއް ވެސް ނޭނގޭއޭ. ބައެއްފަހަރު ހިތަށްއަރާ މާމަގެ ސަބަބުން ނޫންނަމަ ދަރިފުޅު ބޮޑުވީހީ މާމަ ކައިރީގައޭ." އަމީނާ ބުންޏެވެ.
"މާމާ އަބަދު ތި ވާހަކަ ނުދައްކާ. ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަކަށޭ މާމަ ބުނަމެއްނު." ނަވްޔާ ބުންޏެވެ.
"މާމާ، ދޮންބެ މިފަހަރު ނައިސް ހާދަ ގިނަދުވަހެއް ވެއްޖެއޭ. އެކަމަކު ހަމަ ގުޅާލާއިރަށް ބުނާނެ ވަރަށް އަވަހަށް ދާނަމޭ."
ވާހަކަ ބަދަލުކޮށްލުމުގެ ގޮތުން ނަވްޔާ ފެށީ އަމީނާގެ ދޮށީ ދަރިފުޅު، އާމިރުގެ ވާހަކައެވެ. މެލޭޝިޔާ މީހަކާ އިނދެގެން އާމިރު ދިރިއުޅެނީ އެ ޤައުމުގައެވެ. އާމިރުގެ ތިން ކުދިން ތިބެއެވެ. ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އެންމެ ބޮޑަށް ހުންނަ ރިއާ، ނަވްޔާއަށް ވުރެ ދެ އަހަރު ހަގެވެ. ބޭރުގައި ދިރިއުޅުނު ނަމަވެސް ދެ މަހުން އެއް ފަހަރު ކަހަލަ ގޮތަކަށް އާމިރު މާލެ އާދެއެވެ. އޭގެ އިތުރުން ވެސް ކުދިންނާއި އަންހެނުން، ސުނާނާ ގޮވައިގެން އަހަރަކު އެއް ފަހަރު އާދެއެވެ.
"ހޫނ، މާމަ ގުޅީމަ ވެސް ބުނަނީ ތިހެން." ހެވިފައި އަމީނާ ބުންޏެވެ.
"ދެން އަންނާނީ ރިއާމެންނަށް ޗުއްޓީ ލިބުނީމަ އެންމެން އެއްކޮށް ހެން ހީވަނީ."
އެރޭ ނިދަން އުޅެ ނިދޭގޮތެއް ނަވްޔާއަކަށް ނުވިއެވެ. މިޝާއާއި މާމަގެ ވާހަކަތަކުން މާޒީގެ ދުވަސްތައް ހަނދާނުގައި ޓަކި ޖަހަމުން ދިޔައެވެ. ނަވްޔާ ތެދުވެ ކުޑަދޮރުގެ ދޮރުފޮތި ކަހާލައިފައި ދޮރުހުޅުވައިލިއެވެ. އެ ވަގުތު ފިނިފިނި ވައި ރޯޅިތައް އައިސް މޫނުގައި ބީހިލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ފުސްވަމުން ދިޔައިރު ދުރުން މާދުރުން ރަށެއްގެ މަލަމަތި ނަވްޔާއަށް ފެންނަން ފެށިއެވެ.
(ނުނިމޭ)