"މޯލްޑިވްސް ޑިވެލޮޕްމަންޓު އަޕްޑޭޓް: ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް" ރިޕޯޓު ރަސްމީކޮށް ނެރެން ވޯލްޑް ބޭންކުން އިއްޔެ ބޭއްވި އިވެންޓުގައި ޝަފީގު ވިދާޅުވީ މިވަގުތު ރާއްޖެ މިއޮތީ މާލީ ގޮތުން ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށާއި ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، އިސްލާހީ ފިޔަވަޅުތައް ނާޅައި ގައުމުގެ އިގްތިސާދު ހަމަ މަގަށް ނޭޅުވޭނެ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ ސަރުކާރުގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އެކަން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އާސަންދަ ސްކީމާއި ސަބްސިޑީ ދޭ އުސޫލަށް ވެސް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ޓާގެޓަޑް ސަބްސިޑީއަށް ބަދަލުކުރުމުގެ ފިޔަވަޅުތައް ވެސް ސަރުކާރުން އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަރަދު ކުޑަ ކުރަން ނިންމި ނަމަވެސް، މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށާއި އެކަން ކުރާނީ ވީހާވެސް ބޮޑަށް ހަރަދަށް ބަލައިގެން ކަމަށެވެ.
އެ ފިޔަވަޅުތައް އެޅުމަށްޓަކައި މިނިސްޓަރު ވިދާޅުވީ މާލީ އިދާރާތަކުގެ އެހީ ބޭނުންވާނެ ކަމަށެވެ. އަދި ވޯލްޑް ބޭންކުގެ ރިޕޯޓަކީ މުހިންމު މައުލޫމާތު ހިމެނޭ ރިޕޯޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރިޕޯޓަކީ އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމާއި މަޝްރޫއުތައް ރޭވުމުގައި ބޮޑު އެހީއަކަށް ވާނެ އެއްޗެކެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 4.7 ޕަސެންޓުގަ އެވެ. އިގްތިސާދު ކުރިއަރާ މިންވަރު ދަށްވާ އެންމެ ބޮޑު އެއް ސަބަބަކީ ފަތުރުވެރިން ކުރާ ހޭދަ ކުޑަ ކަމަށާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު ދަށަށް ދާތީ ކަމަށް ރިޕޯޓްގައި ވެ އެވެ.
މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.5 ޕަސެންޓު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ކޮށްފައިވާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގަ އެވެ.
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %122.9ގައި ހުރުމަކީ ވެސް ވޯލްޑު ބޭންކްގެ ކަންބޮޑުވުމެކެވެ. އަދި ދަރަނި މެނޭޖުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ރާއްޖޭގެ ދަރަނި މިހާރު އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ދަރަނި މެނޭޖުކުރުމަކީ މެދު ރާސްތާގައި ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރެއިން 74.5 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. އަދި 51.6 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ.