މީގެކުރިން ދިރާސީ އަހަރު ނިމޭއިރު ދެން ފެށޭ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ދިޔައީ ދެމުންނެވެ. އެހެންނަމަވެސް މިއަހަރު ސްކޫލްތައް ފެށެން 3 ދުވަހަށް ވީއިރުވެސް ޓެކްސްޓް ފޮތްތައް އަދި ބައެއް ރަށްތަކަށް ލިބިފައެއް ނުވެއެވެ.
މޫސުން ގޯސްވެ ޓެކްސްޓް ފޮތްތައް ރަށްރަށަށް ނުފޮނުވިގެން އެތަކެތި ގެންދިޔުމުގެ މަސައްކަތް މިހާރު ވަނީ ފުލުހުން ފަށާފައެވެ. ފުލުހުން ބުނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ކުރަމުން އަންނަކަމަށެވެ.
މާލޭގެ ސްކޫލްތަކުގެ ދަރިވަރުން ޓެކްސްޓް ފޮތްތައް ބަހަން ފަށާފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އަދި ބައެއް ގްރޭޑްތަކުގެ ފޮތްތައް ހަމަނުވާތީ ބެލެނިވެރިން އަންނަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.
ދިރާސީ އާ އަހަރުގެ ކުރިން ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވޭނެ ކަމަށް ލަފާ ކުރެވޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިދިޔަ ދީރާސީ އަހަރު ނިންމާ ސްކޫލްތަކުގެ ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 30 ވަނަދުވަހުއެވެ.