މޯލްޑިވިއަނުން ރާއްޖޭގެ 16 މަންޒިލަކަށް ޑޮމެސްޓިކް ދަތުރު ކުރާއިރު، ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 35 ދަތުރު އެއާލައިނުން ކުރެ އެވެ. ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތައް އެ އެއާލައިނުން އިތުރުކުރުމުން މޯލްޑިވިއަނުން ދުވާލަކު ކުރާ ދަތުރުތައް 50 އަށް އިތުރުވާނެ އެވެ.
ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތަކަށް ބާރު ބޮޑުވާއިރު، އެ އެއާލައިނުން ބުނެފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އީދު ބަންދު ނިމެންދެން ދަތުރުތައް ކުރާނެ ކަމަށެވެ.
ރާއްޖޭގައި ކުރާ ޑޮމެސްޓިކް ދަތުރުތަކުގެ 90 އިންސައްތަ ހިއްސާ ކުރާ މޯލްޑިވިއަންގެ ފްލީޓުގައި ޑޮމެސްޓިކް ދަތުރުތައް ކުރަން 15 ބޯޓު އޮންނައިރު އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން ޑޭޝް އަދި އޭޓީއާރު މަރުކާގެ ބޯޓުތައް ހިމެނެ އެވެ. އެ އެއާލައިނުގެ ފްލީޓު ބޮޑު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ހަތަރު ބޯޓު ގެނެސްފަ އެވެ.
މޯލްޑިވިއަނުން ދާދި ފަހުން ވަނީ އޭޓީއާރު 42-600 ގެ އިތުރު ދެ ފްލައިޓް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.