މި އަހަރުގެ ސްޕޯޓްސް އެވޯޑްސް އޮންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. މި ފަހަރުގެ ސްޕޯޓްސް އެވޯޑްސްއާ ގުޅޭ ގޮތުން، ސްޕޯޓްސް އެވޯޑްސް ޖަޖުން ކޮމިޓީން ބުނީ، ވަނަތަކަށް ކުޅުންތެރިން ހޮވުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަށް މި ފަހަރު ވަރަށް ބޮޑަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރިން. ހާއްސަކޮށް މުބާރާތްތައް ރޭންކް ކުރުން، ސްޕޯޓްސް [ކުޅިވަރު] ރޭންކް ކުރުން އަދި އެޗީވްމަންޓް އެއީ ކިހާ ފެންވަރެއްގެ ކޮން މުބާރާތަކުން ހޯދުނު ކޮން ކާމިޔާބެއްތޯ ބެލުމުގައި،" ކުޅުންތެރިން ގިންތި ކުރުމުގައި އޭއައިގެ އެހީ ހޯދާފައި ވާނެ ކަން ހާމަކުރައްމުން ކޮމިޓީން ބުންޏެވެ.
ސްޕޯޓްސް އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އަބްދުއް ނާފިއު ތައުފީގު، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމާއި މަޝްހޫރު ފުޓްބޯޅަ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާ (ނާޝް) އެވެ
ފުރަތަމަ އެވޯޑު ހަފްލާ ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ވެސް އެވޯޑު ހަފްލާ ބޭއްވިއިރު، މި ދެ ފަހަރު ވެސް ދުނިޔޭގެ މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތުން ވަނީ ބައިވެރިވެފަ އެވެ.