
އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ ގަރާރު ބާތިލު ކުރަން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ރައީސް ޔާމީން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ، އެ ގަރާރަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އަސާސީ ހައްގުތައް ހިފެހެއްޓޭ ގޮތަށް އޮތް "ޣައިރު ގާނޫނީ" ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެ އަހަރެއްހާ ދުވަހަށް ދިގު ދެމިގެން ގޮސްފައިވާ އެ މައްސަލައިގައި މިއަދު އޮތީ، މައްސަލައިގައި ހިމެނޭ ދެ ފަރާތުން މުޅި މައްސަލައަށް ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އެއީ ހުކުމުގެ ކުރިއަށް ފަހު ބަހުގެ ގޮތުގައި އިއްވާ ހުލާސާ ބަޔާން އިއްވުމެވެ.
"އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ރިޔާސީ ގަރާރެއް ނެރުއްވީ އެޕްރީލް 21, 2022 ގަ އެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް މިއަދުގެ ޝަރީއަތުގައި ފަނޑިޔާރު އިއުލާން ކުރެއްވިއެވެ. އެހެންނަމަވެސް ހުކުމް ކުރާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރެއެވެ.