ads
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
އިދިކޮޅަށް ޖާގަދީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައިފި
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހުށަހެޅި ގޮތަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ވެސް ޖާގަދީގެން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލަން ފާސްކޮށްފި އެވެ.
Advertisement

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކަމަށް ވާތީ ކޮމިޓީތަކުގެ މެޖޯރިޓީ ވެސް އޮތީ އެޕާޓީއަށެެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ވެސް ކޮމިޓީތަކުގައި ހިމެނި އެވެ.

މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުން ކުރި މަޝްވަރާއަށް ފަހު ޕާޓީތަކުން ހުށަހެޅި މެންބަރުން ހިމަނައިގެން ކޮމިޓީތަކުގެ އެކުލެވުން މިއަދުގެ ޖަލްސާގައި ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓުދެއްވި 83 މެންބަރުންގެ އިއްތިފާގުންނެވެ.

މި ހުށަހެޅުން ފާސްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ފާހަކުރެއްވީ އަމިއްލަ މެމްބަރުންގެ ހައްގުތައް ކަށަވަރުކޮށް ހުރިހާ ޕާޓީއަކުން ވެސް މިކަން ނިންމާފައި ވަނީ އެކުވެރިކޮށް ކަމެވެ.

ނާޒިމް ވިދާޅުވީ މިއަދު ދޭއް ޖަހާއިރު ކޮމެޓީތަކަށް ކިޔަން ފަށާނެ ކަމަށާއި، ކޮންމެ ބައިގަޑިއިރަކުން ކޮމެޓީއެއް ބާއްވާ ކޮންމެ ކޮމެޓީއަކަށް މުގައްރިރުންނާ ނައިބް މުގައްރިއުން އިންތިހާބު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއަށްފަހު ކޮމެޓީތަކުގެ މަސައްކަތްތައް އަވަށް ފަށަން ނާޒިމް ވަނީ މެމްބަރުންގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ބާރުގަދަ އެއް ކޮމިޓީއަކީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އެވެ. އެއީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކޮމިޓީއެކެވެ. މިކޮމިޓީގެ މުގައްރިރު އަކީ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްއެވެ. އަދި ނާއިބު މުގައްރިރު އަކީ
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.

މުހިންމު އަނެއް ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އެވެ. ދައުލަތުގެ މާލިއްޔަތާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ ދިރާސާކުރާނީ އެކޮމިޓީންނެވެ. ދައުލަތުގެ ކުންފުނިތައް މަސައްކަތްކުރާގޮތް ބަލައި، ޖަވާބުދާރީކުރުވުމުގެ ބާރު އޮންނަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ އަކީ ވެސް މުހިންމު ކޮމިޓީ އެކެވެ.

މި ހުރިހާ ކޮމިޓީއެއްގައި ވެސް އިދިކޮޅު އެމްޑީޕީއަށް ވަނީ ޖާގަދީފަ އެވެ. 20 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ތިއްބެވީ ނިސްބަތުން މަދު މެންބަރުންތަކެއްކަން ފާހަގަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މެންބަރުންގެ އަދަދު މަދުވި ނަމަވެސް، މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލީ އެމްޑީޕީން އެދުނު ހުރިހާ ފުރުސަތުތަކެއް އެ ޕާޓީއަށް ފަހިކޮށްދީގެން ކަމަށެވެ.  

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް، އެމްޑީއޭގެ ދެ މެންބަރުން، އެމްއެންޕީގެ މެންބަރެއް، އެމްޑީޕީގެ 12 މެންބަރުން އަދި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް