ads
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ގާނޫނީ ވަކީލު ހުސްނީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ހަމަޖައްސައިފި އެވެ.
Advertisement

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުސްނީ ހަމަ ޖައްސާފައިވާއިރު، މި ކޮމިޓީގެ ނާއިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގަތުމަށް ފަހު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް އެވެ.

ޖުޑީޝަރީ ކޮމިޓީގައި ދެން ހިމެނިވަޑައިގަނަންވަނީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުޙައްމަދު، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު، ކުރެންދޫ ދާއިރާގެ މެންބަރު މުހއްމަދު ޝާމިން ހަބީބު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާގެ ދަށުން، މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާގުޅޭ ކަންކަން ދިރާސާކުރުމާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިއާޔަތްކޮށްދިނުން އެދި ހުށަހެޅުން ހިމެނެ އެވެ. 

މީގެ އިތުރުން، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާއިން މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވާ މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމާއި، އެ މުއައްސަސާތަކުގެ އަހަރީ ރިޕޯޓު ދިރާސާކުރުން ފަދަ ކަންތައް ހިމެނެ އެވެ.

އަދި މީގެ އިތުރުން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމަކީވެސް މި ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް