ފުލުހުން މި މީހުން ހައްޔަރުކޮށްފައިވަނީ މި މީހުން ފައިސާ ފޭރުމުން ބަޔަކު މީހުން އެމީހުން ހިފަހައްޓާ ޓަވަރު ބޭރަށް ނެރި ބަރަހަނާކޮށްފައި ތިއްބައެވެ.
ފުލުހުން ބުނީ މި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ 32 އަހަރާއި 36 އަހަރާއި 46 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.
މީހެއްގެ އަތުން ފައިސާ ފޭރިގަން މައްސަލާގައި މި މީހުން ހިފަހައްޓާ ބެެލުމުން އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މީހުން މީހުންގެ އަތުން ފައިސާ ފޭރެމުން ދަނީ ފްލެޓް ކުއްޔަން ދޭންކަމަށް ބުނެ އެތަން ގެންދިޔުމަށްފަހުއެވެ. އަދި ފްލެޓް ބަލަން ވަނުމުން ތަން ތަޅުލުމަށްފަހު ބިރު ދައްކައިގެން އެމީހާގެ ބަރަހަނާކޮށް ވީޑިއޯ ނަގާކަމަށްވެއެވެ. އަދި އެތަކެތި ބޭނުންކޮށްގެން އެމީހުން ބްލެކްމެއިލްކޮށް ގިނަ އަދަދެއްގެ ފައިސާ އަތުލަމުންދާކަމަށްވެސް ވެއެވެ.
ދާދި ފަހުން ހިޔާ ސަރަހައްދުގައި ފޭރެމުން ދިޔަ ދ އަންހެންނެއްގެ މައްސަލަވެސް ފެންމަތިވިއެވެ. މި ދެމީހުން އެކި ބޭނުންތަކަށް މީހުން ހައްލާލައިގެން ގޮސް ބަރަހަނާކޮށް ފޮޓޯ ނަގާ ފޭރެމުންދާކަމުގެ އަޑުތައް ފެތުރުނެވެ. މިމީހުން ފޮޓޯތަކާއި މި މީހުންގެ ޝިކާރައަކަށްވީ ބައެއް މީހުން އެކަންވީ ގޮތް ކިޔާދޭ ކްލިޕްތައްވެސް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. އެހެންނަމަވެސް މި ދެ އަންހެނުން ހައްޔަރުކުރިކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.
ފަހަކަށް އައިސް މީހުން ރަހީނުކޮށްގެން ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފޭރުނު މައްސަލައެއްގައި ދެމަފިރިޔަކުވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ.