ads
ސީއޭ މޯލްޑިވްސްއިން އިކޮނޮމިކް މިނިސްޓްރީ އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:ސީއޭ މޯލްޑިވްސް
ސީއޭ މޯލްޑިވްސްގެ ފުރަތަމަ ކައުންސިލް އިންތިހާބު އަންނަ މަހުގެ 10 ވަނަ ދުވަހު
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ފުރަތަމަ ކައުންސިލް އިންތިހާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

ސީއޭ މޯލްޑިވްސްއަކީ ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އެ ގާނޫނު ތަންފީޒު ކުރުމަށް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ގާއިމުކުރި މުއައްސަސާއެކެވެ.

ސީއޭ މޯލްޑިވްސްގެ ކައުންސިލުގައި ނުވަ މެންބަރުން ހިމެނޭއިރު، އޭގެ ތެރެއިން އޮޑިޓަ ޖެނެރަލާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި އެކައުންޓެންޓް ޖެނެރަލަކީ މަގާމުގެ ހައިސިއްޔަތުން ކައުންސިލުގައި ހިމެނިވަޑައިގަންނަވާ (އެކްސް-އޮފިޝިއޯ) މެންބަރުންނެވެ.

ސީއޭ މޯލްޑިވްސްގެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ:

  • އިންސްޓިޓިއުޓްގެ ރައީސް
  • ނައިބު ރައީސް
  • ކައުންސިލުގެ އާންމު މެންބަރުންގެ ގޮތުގައި ހަތަރު މެންބަރުން

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އިންސްޓިޓިއުޓްގެ ކައުންސިލުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިންސްޓިޓިއުޓްގެ ފެލޯ މެންބަރެއް ކަމުގައި ވުމާ އެކު، ދިވެހި ރައްޔިތެއް ކަމުގައިވުން ހިމެނެ އެވެ.

ސީއޭ މޯލްޑިވްސްއިން ބުނެފައި ވަނީ މެންބަރުންގެ ފަންނީ ކުރިއެރުމާއި އެކައުންޓިން ޕްރޮފެޝަންގެ ނަޒާހަތްތެރިކަން ކަށަވަރުކުރަން އެ އިންސްޓިޓިއުޓުން ކުރަމުން އަންނަ މަސައްކަތަށް ބާރު ލިބިދިނުމުގެ ގޮތުން އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ މި އިންތިހާބުގެ ހުރިހާ ކަމެއް ރައްކާތެރި، ދެފުށްފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ސީއޭ މޯލްޑިވްސްގެ ފުރަތަމަ ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ 15:00 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް