ads
އެޗްޑީސީން މީގެ ކުރިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން.
އެޗްޑީސީން އެޕްރެންޓިސްޝިޕް ފުރުސަތު، ހަތް ދާއިރާއަކުން މީހުން ތަމްރީނުކުރާނެ
ހަތް ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އެޗްޑީސީން ބުނީ ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމުގެ ދަށުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ތަފާތު ހަތް ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނު ކުރުމުގެ މަގުސަދުގައި ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ އަމަލީ ތަޖުރިބާ ކުރިއަށް ގެންދާނީ އެ ކޯޕަރޭޝަނުގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނެޝަނަލް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓެކެވެ. މީގެ އިތުރުން ހަ މަސް ދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމުގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ކޮމްޕިއުޓަ ހާޑްވެއަ އެންޓް ނެޓްވޯކިން
  • ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން 
  • ފްރަންޓް އޮފީސް
  • ގާޑްނިން
  • ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޒަން
  • މޭސަންރީ
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން

އެޗްޑީސީން ބުނި ގޮތުގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް ދޭއްގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމުގަ އެވެ. މި ޕްރޮގްރާމުގެ މުއްދަތުގައި، ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދު ކުރުމަށާއި ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީނު ކުރުމުގެ ބޭނުމުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީ އާއި ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.

އެޗްޑީސީން ބުނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިން ތަމްރީނު ކުރުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް