ads
ދިވެހި މަސްވެރިން ދޮށިން މަސް ބޭނުމުގައި: --- ފޮޓޯ: ދިވެހި މަސްވެރިން ޓުވިޓާ.
ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ރާއްޖެއިން ދެނީ
ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ފޯރުކޮށްދޭން ރާއްޖެއިން ތައްޔާރަށް އޮތްކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
Advertisement

މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި އެވެ.

ލަންކާ އާއި ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ އެކު، އިގްތިސާދާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިއަދު ކުރެއްވި މަޝްވަރާ ތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި، ޒަމީރު ވިދާޅުވީ ވިޔަފާރި އާއި އިންވެސްޓުމެންޓުގެ ދާއިރާ އިން ދެ ގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. 

ރާއްޖެ އާއި ލަންކާގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ އިގްތިސޯދު ވެސް މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާއިރު ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުން ހުއްޓުވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ އީއީޒެޑް ބަލަހައްޓައި ގަވައިދާ ހިލާފަށް ހުއްދަ ނުހޯދާ އެ ސަރަހައްދުން މަސްވެރިކަން ކުރާ މީހުން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރެވުނު. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ފޯރުކޮށްދޭން ރާއްޖެއިން ތައްޔާރަށް އޮތްކަން ދަންނަވާފައިވާނެ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގައި ލަންކާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 

މީގެ އިތުރުން، ކުރު މުއްދަތަކަށް ދެ ގައުމުގެ ދެމެދު ދަތުރުކުރާ ރައްޔިތުންނަށް ވިސާގެ ކަންތައް ލުއިކުރުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމުގެ ފަސޭހަ ރައްޔިތުންނަށް ލިބޭކަން ވެސް ޒަމީރު ފާހަގަ ކުރެއްވި އެވެ.

ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިއްމު މައްސަލަތަކުގައި ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށާއި ޓެރަރިޒަމާއި ހަރުކަށި ފިކުރު އަދި އިންސާނީ ވަގުފާރި ހުއްޓުވައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނީ ހަމަލާތައް އެއްކޮށް ހުއްޓާލައި އެ ސަރަހައްދަށް ހަމަޖެހުން ގެނައުމަށް ދެ ގައުމުން ވެސް ބޭނުންވާކަމަށް އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައިވެ އެވެ.

މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ދެ ގައުމުގެ ކުރިއެރުމަށްޓަކައި މަޝްވަރާތައް ބޭއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް