ads
ފަލަސްތީނުގެ ޣައްޒާގައި ހުންނަ ސްކޫލަކަށް މިއަދު އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ވެފައިވާ ގެއްލުންތައް ބަޔަކު ބަލާއިރު ކުޑަ ކުއްޖަކު އެ ދިމާލަށް ބަލަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ
އިސްރާއީލުން ގާޒާގެ ސްކޫލަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި
ފަލަސްތީނުގެ ގާޒާގައި ހިންގާ ސްކޫލަކަށް، އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 35 މީހަކު މަރުވެއްޖެ އެވެ.

އިޒްރޭލު ފައުޖުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ނުސަޔިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދއިން ހިންގާ ސްކޫލަކަށެވެ.

މި ހަމަލާގައި ފަލަސްތީނުގެ 60 އަށްވުރެ ގިނަ ރައްޔިތުން ޒަހަމްވިއެވެ. އޭގެ ތެރޭގައި ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސުކޫލަށް ހަމަލާދިން އިރު އެ ސުކޫލު ބޭނުން ކުރަމުން ދިޔައީ ޣައްޒާގެ ހާލުގައި ޖެހި ގެދޮރު ގެއްލިފައިވާ މީހުންގެ ވަގުތީ ހިޔާވަހި ކަމެއްގެ ގޮތުގަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާ ދިނީ އދ. އިން ރެފިއުޖީ އެޖެންސީގެ ސްކޫލެއްގައި ހިމާޔަތް ހޯދަމުން ދިޔަ ހަމާސްގެ "ޓެރަރިސްޓުންނަށް" ކަމަށާއި ސީދާ އަމާޒަށް ދިން މި ހަމަލާގައި މަރުވީ ޓެރަރިސްޓުން ކަމަށެވެ. 

ނަމަވެސް އެ ސުކޫލުގައި ތިބީ ގެދޮރު ނެތިފައިވާ ރެފިއުޖީންގެ އާއިލާތައް ކަން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާއިން ކަށަވަރު ކޮށްދެ އެވެ.

އދ. ރެފިއުޖީ އެޖެންސީގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވީ ސްކޫލްތަކަކީ އަސްކަޒީ އަމާޒުތަކަށް ހެދުން އާންމު ކަމަކަށް ހަދަމުން އަންނަ ކަމަށާއި އެ ސްކޫލަކީ އދ. އިން ބަލަހައްޓަމުން އަންނަ ތަނަކަށް ވާތީ އެތަނުގެ ކޯޑިނޭޓްސް ވެސް އިޒްރޭލާއި ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް ދީފައި ވާނެ ކަމަށެވެ.

"މިއީ ފާޅުގައި އަދި ގަސްދުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ އަމަލުތައް، ހަމަލާ ދިން ސްކޫލްގައި 6،000 މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ.." ލަޒާރިނީ ވިދާޅުވި އެވެ.

އިސްރާއީލުގެ ފައުޖުތަކުން ދޭ ހަމަލާތަކުގެ ސަބަބުން ގާޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، ޣައްޒާގައި ތިބި ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމުގެ ހާލަތު އިންތިހާއަށް ކުރިމަތިވެދާނެ ކަމަށް ވެސް އދ އިން ވަނީ ބުނެފަ އެވެ.

your imageއިސްރާއީލުގެ ހަމަލާތަކުގައި ފުރާނަ ގެއްލުނު ފަލަސްތީނު ބައެއްގެ ހަށިގަނޑުތައް - ފޮޓޯ:މިޑްލް އީސްޓް މޮނިޓާ

ހަމާސްގެ މީޑިއާ އޮފީހުން ބުނީ އިޒްރޭލުން "ބިރުވެރި ޖަރީމާއެއް" ހިންގާފައިވާ ކަމަށެވެ. ބައެއް ކުދިންނާ އެކު އެ ކުދިންގެ މައިމީހާ ވެސް ޝަހީދު ކޮށްލާފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. 

"ހަނގުރާމައިން ވާވަރު ވެއްޖެ. އެކި ތަންތަނަށް އެތައް ފަހަރަކު ބަދަލުވެއްޖެއިން. އެމީހުން އަހަރުންގެ ކުދިން މަރާލީ އެ ކުދިން ނިދާފައި ތިއްބައި،" ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި މި ހަމަލާގައި އަނިޔާވި އަންހެނަކު ބުނެ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 36،586 މީހުން މަރުވެ، 83،074 މީހުން ޒަހަމުވެފައިވާއިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިސްރާއީލު މީހުންގެ އަދަދު ވަނީ 1139 އަށް އަރައިފަ އެވެ.

ގާޒާގައި ހަމަލާތައް ކުރިއަށް ދާއިރު، އެކަން ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތައް ވެސް ކުރިއަށްދެ އެވެ. ނަމަވެސް ހަމާސް ބަލިކޮށް ހަނގުރާމައިގެ މަގުސަދުތައް ހާސިލުނުވާނީސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް