އިއްޔެ މި ދައުވާކޮށްފައި ވަނީ އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ގޯތަމް އަދާނީގެ މައްޗަށެވެ. އޭނަ އާއި އަދާނީ ގްރޫޕްގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އެމެރިކާ އިން ކޮށްފައި ވަނީ 250 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ސްކީމެއް އެކުލަވާލައި އެމެރިކާ އިން ނާޖާއީޒު ފައިދާތަކެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
އެގޮތުން މި ސްކީމްގެ ތެރެއިން އަދާނީ އަށް އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރަން އިންޑިއާގެ އޮފިޝަލުންތަކަކަށް ރިޝްވަތު ދޭން ވެސް އެއްބަސްވެފައިވާ ކަމަށް ދައުވާގައިވެ އެވެ.
ދައުވާގައިވާ ގޮތުން ބައެއް މީހުން ވަނީ ގޯތަމްއަށް "ނޫމެރޯ އުނޯ" އާއި "ބޮޑު މީހާ" ފަދަ ކޯޑް ނަންތަކުން ވާހަކަދައްކާފަ އެވެ.
ނަމަވެސް މިކަމާ ގުޅިގެން އަދާނީ ގްރޫޕުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އިންޑިއާ/އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުން އަދާނީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.
ފޯބްސް މަޖައްލާއިން ބުނާ ގޮތުން އުމުރުން 62 އަހަރުގެ އަދާނީގެ މިލްކިޔާތު 69.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ އަކީ އެމެރިކާގައި ޖިނާއީ ކުށެއްކޮށްފައިވާ ކަމަށް ރަސްމީކޮށް ތުހުމަތު ކުރެވޭ މަދު ބިލިއަނަރުންގެ ތެރެއިން އެކަކެވެ.
އަދާނީ އަކީ ދުނިޔޭގެ 22 ވަނައަށް އެންމެ މުއްސަނދި މީހާ، އަދި ރިލަޔަންސް އިންޑަސްޓްރީސްގެ ޗެއާ މުކޭޝް އަމްބާނީއަށްފަހު އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް އިން ބުނެ އެވެ.