ބޮޑު ކަންނެލީގެ ލޭނުގެ މަސްވެރިކަމުން އެއްވެސް ފައިދާއެއް ނުވެ މަސްވެރިން އިތުރަށް ނިކަމެތިވަމުންދާ ކަަމަށް ބުނެ ލޭނުގެ މަސްވެރިކަމާއި ދެކޮޅަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
މި ކަމާއި ގުޅިގެން ޝާހިދު ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިއަދުގެ ސަރުކާރު ވެރިކަމަށްއައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވައުދުވެގެން ކަން ދިވެހި މަސްވެރިންއެގެންދަނީ ތަކުރުކޮށް ހަނދާން ކޮށްދެމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ، މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން ހަނދާން އެބަހުރިކަމަށް ބުނަމުން ދާ ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވަނީ، މިވަގުތު އިތުރު އިންތިހާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގަކަށްވާތީ ސަރުކާރުން އެ ހައްގު ވަގުތުން އަދާކުރުމަށް ގޮވާލައިފަ އެވެ.
ދިވެހި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށާއި އެފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އިއްޔެ ވަނީ ބުނެފަ އެވެ.