"ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯނަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި އެއްލައްކަ ރުފިޔާގެ އެހީ އާ ހަވާލުވެވަޑައިގެންފައި ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހީރު އެވެ.
އެމްޑަބްލިއުއެސްސީގެ ފަރާތުން ފައިސާ ހަދިޔާ ކުރުމަށްފަހު ބުނީ އެ ކުންފުނީގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިއަދުގެ މި އެހީއަކީ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ދެވުނު ރަމްޒީ އެހީއެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަށް ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯނެކެވެ. ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ޓެލެތޯނު މިއަދު ހެނދުނު 08:00 އިން ފެށިގެން މިރޭ ދަންވަރު 12:00 އާ ހަމައަށް ކުރިއަށްދާއިރު، މި ޓެލެތޯނުގެ ތެރެއިން މާލޭ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފަ އެވެ.
މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ފަސޭހަކަމާ އެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.