ads
ކ. ކަނޑުއޮތްގިރި: މިފްކޯ އިން ކުރިއަށްދާ ހުރިހާ މަސައްކަތްތަކެއް ހުޅުމާލެއަށް ބަދަލުކުރުމަށް ވަނީ ނިންމިފައި
ކަނޑުއޮތްގިރީގެ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރަނީ
ކ. ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެ އިން ބިމެއް ހޯދުމުގެ މަޝްވަރާތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އެކަން ހާމަކުރެއްވީ އިއްޔެ މާލޭ ފަޅުތެރެއަށް ވަދެ ކަންނެލި އޮޑޮދޯނިފަހަރުން ކުރި މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށް އޭގެއިން ދޯންޏަކަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެ މުޒާހަރާގެ ތެރެއިން ޝިޔާމްއާ ވާހަކަ ދެއްކި ބައިވެރިޔަކު ބުނި ގޮތުގައި ކަނޑުއޮތްގިރި ތަރައްގީ ކުރުމަކީ ބޭކާރު ހަރަދެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރި އަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ތަފާތު އުފެއްދުންތައް އުފައްދާ ތަނަކަށްވީ ނަމަވެސް މިހާރު އެ ރަށުގެ އެއްގަމު ތޮށި ހަލާކުވުމާއި ބަނދަރު ސަރަހައްދުވެސް ތިލަވެފައިވާތީ އެރަށަށް މަސް ދޯނިތައް ކައިރިކުރަން ބޮޑެތި ދަތިތައް ހުރި ކަމަށެވެ. އެހެންވެ ސަރުކާރުގެ ވިސްނުމަކީ ހުޅުމާލެ އިން ބިމެއް ހޯދުމަށްފަހު ކަނޑުއޮތްގިރީގައި ކުރިއަށްދާ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެޗްޑީސީއާ މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސުވޮޕް ކުރެވޭތޯ. ކަންޑުއޮތްގިރި އާއި ހުޅުމާލެއިން ބިމަކާ،" ޝިޔާމް ވިދާޅުވި އެވެ.


ކަނޑުއޮތްގިރީގައި ކުރިއަށްދާ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރުމަށްޓަކައި އެޗްޑީސީއާ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށްވެސް މިފްކޯ އިންވެސް ޔަގީންކޮށްދީފައިވެ އެވެ. ކަނޑުއޮތްގިރީ ހުޅުމާލެ އަށް ބަދަލު ކޮށްފި ނަމަ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް އިއްޔެ މުޒާހަރާގައި އުޅުނު މަސްވެރިން ބުންޏެވެ.

ސަރުކާރުން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާކަމުގެ ކަންބޮޑުވުން ބޮޑުވެ، އަދި މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން އިއްޔެ ފެށި އިހުތިޖާޖުގައި މަސްވެރިން ވަނީ ވައުދުތައް ފުއްދަން ސަރުކާރަށް ގޮވާލައިފައެވެ.

ގިނަ އަދަދެއްގެ މަސް ދޯނިތަކުން ވަނީ މާލޭ އެއް ނަންބަރު ފާލަން ކައިރީ އިހުތިޖާޖުކޮށްފައެވެ. އެންމެ ފަހުން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖު ހުއްޓައިލީ މަސްވެރިންނަށް ދޫކުރާ ޑީސެލްގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމުމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ.

އެހެން ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އުނދަގޫ ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މަސްވެރިންނަށް ނުދީ އޮތެވެ. ފުރަތަމަ ހަ މަސް ދުވަސް ނުނިމެނީސް 850 މިލިއަނަށް ވުރެން ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް