މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބޮޑު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެގޮތަށް ނިންމީ އެ ކައުންސިލްގެ ޖަލްސާގައި ކަމަށް ވެސް އިއުލާންގައިވެ އެވެ.
އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ސްޓިކާ ދޫކުރަން ހަމަޖެހިފައިވާ ގަޑިތަކަކީ:
- މާދަމާ (މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް)
- ހޮނިހިރު ދުވަހު (ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް)
މިފަހަރު ބޮޑު އީދު، ސަގާފީ ކުޅިވަރުތަކާއެކު ވަރަށް ކުލަގަދަކޮށް މާލެއާއި ހުޅުމާލޭގައި ފާހަގަކުރަން ވަނީ ރާވައިފަ އެވެ. އެގޮތުން ރަށްރަށުގައި ޢީދު ފާހަގަކުރާހެން މާލޭގައި ވެސް އީދު ފާހަގަކުރަން ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި ވެސް އީދު ވިލޭރޭ ވެދުމާ ދިއުން އޮންނާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން ބުނެފައިވެ އެވެ.
އެންސީއޭއިން ބުނީ އީދުގެ ހަރަކާތްތައް ފެށުމަށް ހަަމަޖެހިފައި ވަނީ އީދު ވިލޭރޭ އޮންނަ "ވެދުމާ ދިޔުން" ހަރަކާތުން ކަމަށެވެ. ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އެ ހަރަކާތުގަ އެވެ.
ވެދުމާ ދިޔުމަކީ އިހުގައި ތޮށިލުން ފަދަ ސަރުކާރުގެ ގަދަ މަސައްކަތެއް ކުރުމަށްފަހު ލަވަކިޔަމުން ނަށަމުން ރަސްގެފާނު ހުންނަވާ ގަނޑުވަރު ދޮށަށް ގޮސް ލަވަކިޔައި ނެށުމެވެ.
ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދުން ފަށާ ހަރަކާތްތަކުގެ ތެރޭގައި މަޖީދީ މަގުގައި ބާއްވާ އީދު ސަޔާއި ހަވީރު މާލޭގެ އަށް ސަރަހައްދެއްގައި ކުޅޭ ސަގާފީ ކުޅުވަރުތައް ހިމެނެ އެވެ.
ޖެހިގެން އަންނަ ވަޅު އީދު ދުވަހު ހެނދުނު އާޓިފިޝަލް ބީޗުގައި ފެންކުޅި ކުޅުމަށް ވަނީ ނިންމައިފަ އެވެ.