އެ ދުވަހު އަރަފާތު ޖަމާއަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުއާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ އަމަލު ގިނަކުރުމަށާއި، އެ ދުވަހު އެތާނގައި ހުރުމުގެ ނަސީބު ދެއްވައިތޯ ވެސް ދުއާކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
ހައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާއިރު، އެ ޖަމާއަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުއާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ އަމަލުކުރުން ހިމެނޭ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފަ އެވެ.
އަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެއް ކަމަށާއި، އެމީހުންގެ އީމާންކަން އެންމެން އެއްތަންކުރަނީ އެތައް ހާސް އަހަރެއް ކުރީން އިބްރާހިމްގެފާނު ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުން އަރަފާތު ދުވަހު އަރަފާތުގެ ބިމުގައި ތިބެ މާތް اللهއަށް ތަލްބިޔާ ކިޔުމަށެވެ.
ހައްޖު ދުވަހު އަރަފާތު ބިމުން ފެނިގެންދާ މަންޒަރަކީ ކޮންމެ މުސްލިމެއްގެ ހިތަށްވެސް ފިނިކަމެއް ގެނެސްދޭ އުފާވެރި މަންޒަރެއް ކަމަށާއި އެ ކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި، ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ އަހަރު ތެރޭގައިވާ އެންމެ މާތް ދުވަސް ކަމަށެވެ.
ހުތުބާގައި ބުނީ ،ހައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއްނުވާ ކަމަށެވެ. ނަމަވެސް، ހައްޖުވެރިޔާއަށް ދުއާކޮށް ޒިކުރުކޮށް ކީރިތި ގުރުއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުން މުސްތަހައްބުވެގެންވާކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.