އެންސީއޭއިން މާލޭގައި ފާހަގަކުރާ "އެންސީއޭ - ބޮޑު އީދު 1445" ގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ.
އުރީދޫގެ އެސިސްޓެންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، މަރިޔަމް ޝިއުނާ ހަމީދު "ސީއެންއެމް" އަށް ވިދާޅުވީ އީދާ ގުޅިގެން އެންސީއޭއިން މިއަދު ކުރިއަށް ގެންދާ ހަރަކާތްތަކުގެ މެއިން ޕާޓްނަރަކީ އުރީދޫ ކަމަށެވެ. އީދުގެ ހަރަކާތްތައް މާލޭގައި ފަށާފައި ވަނީ އީދު ސަޔާ އެކުގަ އެވެ. ހަރަކާތްތައް ފައްޓަވާދެއްވީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދެވެ.
އެންސީއޭ އާ ގުޅިގެން ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އުރީދޫން ބައިވެރިވެފައި ވަނީ ގިނަ ދުވަސްތަކަކަށްފަހު މާލޭގައި ސަގާފަތް ދިރުވާ އާލާކުރަން އީދާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި އެ ކުންފުނީގެ ފަރާތުން އެހީތެރިވުމުގެ މަގުސަދުގައި ކަމަށް ޝިއުނާ ވިދާޅުވި އެވެ. ޝިއުނާ ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ކުރިއަށްދާ ހަރަކާތްތަކުގެ އިތުރުން އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުރީދޫގެ ފަރާތުން ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށެވެ.
މިއަދު ހެނދުނު އީދު ނަމާދު ބޮޑު ޖަމާއަތަށް ފަހު އާޓިފިޝަލް ބީޗް ސަރަހައްދުގަ އާއި ބޮޑުތަކުރުފާނުމަގު ސްޓޭޑިއަމް ފުރަގަހުގައި އީދު ސައި ވަނީ ބާއްވާފަ އެވެ.
ރަސްފަންނު ވެލިގަނޑުގައި ހަވީރު 4:00 އިން ފެށިގެން ދެލިމާލި ނެރުމާއި ކޯޑި ކެނޑުމާއި ލަނގިރީގެ ހަރަކާތްތައް ކުރިއަށްދާއިރު، ދެލިމާލި ނެރެނީ މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ފަރާތުންނެވެ. ކޯނޑި ކެނޑުމުގެ ހަރަކާތް އެންސީއޭއިން ބާއްވާއިރު، ލަނގިރިޖަހާނީ ކާށިދޫ ސަގާފީ އައިޓަމެއްގެ ގޮތުގަ އެވެ.
ހަވީރުގެ އެވަގުތު ސޯސަންމަގު މަޖީދީމަގާ ގުޅޭ ކަންމަތީގައި ޓޫރިޒަމް މިނިސްޓްރީން ދަފިނަގާނެ އެވެ. ސްޓެލްކޯ ފުރަގަހުގައި ބޮޑުމަސް ނެރުން ރީޖަނަލް އެއާޕޯޓްސްއިން ކުރިއަށް ގެންދާނެ އެވެ. އަދި އޮލިމްޕަސް ކުރިމަތީގައި އާޓިސްޓުންގެ ޕެއިންޓިން ހަރަކާތެއް އޮލިމްޕަސް ކުރިމަތީގައި ބާއްވާނެ އެވެ.
ބޮޑު އީދު ފާހަގަކުރަން އެމްއެންޑީއެފުން ބޮޑުތަކުރުފާނުމަގު ކޭކޭ ހުޅަނގު ގޭޓާ ދިމާލުގައި ބޮޑުބެރުގެ ހަރަކާތެއް ވެސް މިއަދު ހަވީރު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެންސީއޭއިން މިރޭ ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯއެއް ކުރިއަށް ގެންދާނެ އެވެ. މި ޝޯގައި އެމްއެންޑީއެފް ބޮޑުބެރު ޖެހުމާއި ކާށިދޫ ލަނގިރި ޖެހުމާ އަދި ކެޔޮދޫ ދަފިނެގުން އޮންނާނެ އެވެ.