ދިރާގާއި މޯލްޑިވްސް ފުޑް ކާނިވަލުން ދަނީ ފަސް ދުވަހުގެ ކުލަގަދަ ފެސްޓިވަލަކަށް ތައްޔާރުވަމުންނެވެ. މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަން މި އަހަރު ބާއްވާއިރު، މި އިވެންޓް އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ދިރާގުން ބުނީ ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމަށެވެ. މި އިވެންޓުގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. ދިރާގުން ބުނެފައި ވަނީ ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކާނިވަލުގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމުގަ އެވެ.