ads
އިންޑިއާގެ ބެންގަލޫރުން ދާލު އެއާޕޯޓަށް މަންޓާ އެއާއިން ސީދާ ދަތުރުތައް ދަނީ ކުރަމުން - ފޮޓޯ:މަންޓާ އެއާ
އެމްއެމްޕީއާރުސީ އާއި މަންޓާ އެއާ ގުޅިގެން ބެންގަލޫރުގައި ރާއްޖެ އިޝްތިހާރު ކުރަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މަންޓާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ރާއްޖެ އިޝްތިހާރު ކުރަން ރޯޑް ޝޯއެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
Advertisement

އެމްއެމްޕީއާރުސީ އާއި މަންޓާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އިޝްތިހާރު ކުރަން ބާއްވާ މި ރޯޑް ޝޯ ކުރިއަށް ދާނީ ބެންގަލޫރުގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި އަންނަ ބުދަ ދުވަހު ކަމަށެވެ.

ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ބައިވެރިވުމާ އެކު ކުރިއަށްދާ މި ހަރަކާތުގައި ރާއްޖެ އިޝްތިހާރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު އިންޑިއާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީ އާއި މަންޓާއިން ދެކޭ ގޮތުގައި މި ހަރަކާތާ އެކު ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރަށް ގުޅުން ބަދަހިވާނެ ކަމުގަ އެވެ.

ޕްރިމިއާ މާކެޓެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ބާއްވާ މި ރޯޑް ޝޯ ގައި ރާއްޖެ އާއި އިންޑިއާއިން 150 އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުން އަދި މަންދޫބުން ބައިވެރިވާނެ އެވެ.

ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ޔުނިވާސަލް ރިސޯޓްސް، މައިނާ ހޮޓެލްސް، އެންއެޗް ކަލެކްޝަން، އެޓްމޮސްޕިއާ ހޮޓެލްސް އެންޑް ރިސޯޓްސް، ސަން ސިޔާމް ރިސޯޓްސް، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް، އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް، އަންގްސަނާ، ކޯމޯގެ އިތުރުން ރިއޫ ހިމެނެ އެވެ.

މި ފަރާތްތަކާ އެކު ރާއްޖޭގެ އެހެން ބައެއް ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީ އާއި މަންޓާ އެއާއިން ބުނެ އެވެ.

މި ރޯޑް ޝޯ އާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ހަރަކާތަކީ އިންޑިއާ މާކެޓަށް ރާއްޖެ އިޝްތިހާރުކޮށް، އެ ގައުމުގެ ޓްރެވަލް އެޖެންޓުންނާ ގުޅުން ބަދަހި ކުރަން މުހިންމު ހަރަކާތެއް ކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެއް ކަމަށާއި އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް މުހިންމު ކަމަށް ޝިއުރީ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރަން މި ހަރަކާތަކީ މުހިންމު ހަރަކާތެއްކަން ފާހަގަކުރައްވާ ޝިއުރީ ވިދާޅުވި ގޮތުގައި އިންޑިއާ މާކެޓާ އެކު އޮންނަ ގުޅުން ހަރުދަނާކުރުމާ އެކު، އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން މި ރޯޑް ޝޯ މުހިންމު ދައުރެއް އަދާކުރާނެ ކަމުގަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބެންގަލޫރާއި ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓާ ދެމެދު މަންޓާ އެއާއިން ދަނީ ސީދާ ދަތުރުތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް