ވަޒީރު މިހެން ވިދާޅުވީ ގައުމު ހިންގާނެ ފައިސާ ނެތްކަމަށްް ބުނާއިރު ދައުލަތުން ބޭކާރު ހަރަދު ކުރަނީކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި އާއްމުކުރި ލިޔުމަކަށް ޖަވާބު ދެއްވަމުންނެވެ.
އެމީހާ ވަނީ ގައުމު ހިންގާނެ ފައިސާ ނެތް އިރު، ނުވަތަ މިދިޔަ ސަރުކާރުން ހަޒާނާ ލޫޓްވާލާފައިވާކަމަށް މި ސަރުކާރުން ބުނާއިރު ބަޔަކު ނުލާހިކު ރީއްޗަށް ވަރުގަދަކޮށްް ހަދާފައި ހުރި ފާލަމެއް ތަޅާ ސުންނާފަތި ކޮށްފައި ގައުމިއްޔަތާއި ސަގާފަތް ރަމުޒުކޮށްދޭ ގޮތަށޭ ކިޔާ ބޭކަރު ހަރަދެއްކޮށް އަލުން ބަލުން އަނެއްކާވެސް ފާލަމެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ސުވާކު އުފައްދާފައެވެ. އަދި މީ ތަރައްގީ ނޫންކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
މި ވާހަތަކަށް ރައްދުދެއްވަމުން ވަޒީރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ފާލަން ހަދަން ނިންމީ އެ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެންކަމަށެވެ. އަދި ފާލަމުގެ މަތީބައި އަލުން ހަދާއިރު ރަސްމީ ފާލަމުން ދައުލަތަށް އާއްމަދަނީ ލިބޭކަންވެސް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
ވަޒީރު ވަނީ ފާލަމުގައި ހަލާކުވެފައި ހުރި ބައެއް ތަންތަނުގެ ފޮޓޯތައްވެސް ހިއްސާކޮށްފައެވެ.
ރަސްމީ ފާލމުގެ މަތީބައި ހަދަން އެމްޓީސީސީ ހަވާލުކޮށްފައިވަނީ 11.7 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓަރަކްޗަ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނޭ ކަމުގައއި އެމްޓީސީސީން ބުނެއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރަސްމީ ފާލަން ބަދަލުކުރަނީ ރާއްޖޭގެ ފުރަތަމަ ރައީސްް މުހައްމަދު އަމީން އެޅުއްވި ރަސްމީ ފާލަން ހުރި ގޮތަށެވެ. އަމީން ވެރިކަމުގައި އެޅި ފާލަން ހުންނަނީ މުޅިން ލަކުޑިން ހަދާފައެވެ. އެ ފާލަމުން ދިވެހިންގެ މަސައްކަތްތެރިކަމުގެ ވައްޓަފާޅި އާއި ހުނަރު ފެންނަ ހުއްޓެވެ.