ads
ކީރިތި ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ޝަރަފް އިތުރުކުރަން ޖެހޭ: ނައިބު ރައީސް
މި ސަރުކާރުން ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހައިބަތާ ޝަރަފުވެރިކަން އިތުރުކުރައްވާނެކަމަށާއި، މި މުބާރާތް ބޭއްވޭ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރައްވާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސްގެ ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ގައުމީ ފެންވަރުގައި ބާއްވާ ކީރިތި ގުރުއާނުގެ އެންމެ ބޮޑު ދަރުބާރުކަމަށެވެ. އެހެންކަމުން، މި މުބާރާތް ބޭއްވުން އަހަރެއް އަހަރަކަށް ވުރެ ހަރުދަނާކުރަން، ފެންވަރު ރަނގަޅުކުރަން ސަރުކާރުން ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.


"ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމިއްޔަތެއް ބިނާކުރެއްވުން. އިސްލާމީ ކަަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަން އެމަނިކުފާނުގެ ޒާމަތުގައި މި ވޭތުވެދިޔަ ހަތްމަސް ދުވަސް ތެރޭގައި ވަނީ އިތުރުކުރައްވާފަ،" އެ މަނިކުފާނު ވިދާޅުވި އެވެ.


އަދި "ގުރުއާން ކިޔަވައިދޭ އަދި ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިތުރު އިނާޔަތާ އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ މި ސަރުކާރުގެ އަމާޒެއް" އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ގުރުއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ތައްޔާރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކި ގުރުއާން ކިޔެވުމަކީ އަޅުކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރެއްވުމަށް ބާރުއަޅުއްވާފަ އެވެ. 

your imageކީރިތި ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން - ފޮޓޯ: ރައީސް އޮފީސް

ކޮންމެ ދުވަހަކުވެސް ގުރުއާނުން މިންވަރެއް ކިޔަވަން ވަގުތުކޮޅެއް ހޯދޭތޯ މަސައްކަތްކުރެއްވުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވި އެވެ. އަދި ގުރުއާން ކިޔަވާ ކޮންމެ ވަގުތެއްގައިވެސް ތަރުތީލު މަގުން ކިޔެވުމަށް ސަމާލުކަންދޭންވާނެކަމަށާއި ޤުރުއާން ކިޔެވުމާއިއެކު ގުރުއާން ތަދައްބުރުކުރުމަކީ ވެސް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެ އެވެ.

މިއަހަރުގެ މުބާރާތް ހުޅުވާލާފައި ވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މިފަހަރުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މިއަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 ބައިވެރިން ވާދަކުރެ އެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް