ads
ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދޭން ސެޝަނެއް ބާއްވަން އެ ކުންފުނިން ވަނީ ނިންމާފައި - ފޮޓޯ: އުރީދޫ
އުރީދޫން ފްރީ ޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ
ފްރީޑައިވިން އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި) އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.

"ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި އަންނަ ބުދަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ސެޝަން އޮންނާނީ ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑް އޮފީހުގަ އެވެ.

މި ސެޝަން ނަގައިދޭނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ މާޓިން ސްޓެޕަނެކް އާއި އެރޯލް ޕުޓިނަމް އެވެ.

މާޓިން ސްޓެޕަނެކް

މާޓިން ސްޓެޕަނެކް އަކީ 13ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެކެވެ. އަދި އޭނާއަކީ މި ކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނައިފަ އެވެ.

މާޓިން އަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝާގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

އެރޯލް ޕުޓިނަމް

ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ އެރޯލް އަކީ ކުޑައިރުއްސުރެ ފްރީޑައިވިންގެ ދުނިޔޭގައި އުޅެމުން އަންނަ ފަރާތެކެވެ. އޭނާ އަކީ އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރެކެވެ. 

އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

މި ސެޝަންގެ މަގުސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓްކުރުން ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގައި މުޖުތަމައުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށާއި، މިސޭފްޓީ ސެޝަނަކީ، ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމައަށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުގުވެރިކަން ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް މި ސެޝަންގައި ހިލޭ ރަޖިސްޓްރީކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް