ads
މަޖިލީހުގެ ޖަލްސާއެއް ގައި ގާސިމް ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް އިދާރާ
ހަރަދު ކުޑަކުރަން ފިޔަވަޅުތައް ނާޅައިފިނަމަ އައިއެމްއެފް ޕްރޮގްރާމަށް ދާންޖެހިދާނެ: ގާސިމް
އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ހަރުކަށި ޕްރޮގްރާމަކަށް ރާއްޖެ ދާން ޖެހިއްޖެ ނަމަ ނިކަމެތިންނަށް ދޭ ސަބްސިޑީ ވެސް ކަނޑާލަން ޖެހޭނެ ކަމަށާއި އެ ހިސާބަށް ނުގޮސް އިގްތިސާދު ސަލާމަތްކުރަން ފިޔަވަޅުއަޅަން މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގޮވާލައްވައިފަ އެވެ.
Advertisement

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސްގައި ގާސިމް އިބްރާހީމް ވަނީ އައިއެމްއެފްގެ ޕްރޮގްރާމަށް ނުދިއުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމް ވަނީ ރާއްޖެއިން ކުރިއަށް އޮތް ދެ އަހަރު ދައްކަންޖެހޭ ދަރަނި ބޮޑުކަން ފާހަގަކުރައްވާފަ އެވެ.

"މި އަހަރާއި ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ ފައިސާތަކެއްގެ ބޮޑުކަމުގެ ވާހަކަ އަޅުގަނޑުމެން ދެއްކިން ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް އަދި މިހާރުވެސް،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.

ފިޔަވަޅުތައް އަޅަން ލަސް ނުކުރަން ގާސިމް ތަކުރާރުކޮށް ސަރުކާރާށް ގޮވައިލެއްވި އެވެ. އައިއެމްއެފްގެ ޕްރޮގްރާމްގައި ރާއްޖެ ބައިވެރި ކޮށްފި ނަމަ އެންމެ ޒަރޫރީ ހާލަތުގައި ދޭ ސަބްސިޑީ ވެސް ކަނޑާލަން ޖެހޭނެ ކަމަށާއި ސާބިތުކަމާއެކީ ފިޔަވަޅުތައް ލަސްނުކޮށް އަޅައިގެން ނޫނީ ސަލާމަތެއް ނުވެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެސް އިންތިހާބު ކާމިޔާބު ކުރަން ކޮންމެ ވާހަކައެއް ދައްކާފައި އޮތަސް މިހާރު ގައުމުގެ ހާލަތަށް ވިސްނައިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. މީގެ ކުރިން އެއްވެސް ވެރިއަކު ހުރިހާ ވައުދެއް ފުއްދާފައި ނުވާ ކަމަށާއި މިވަގުތަށް މުހިންމީ ގައުމަށް މުހިންމު ފިޔަވަޅެއް އެޅުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ދަރަނި ބަޖެޓު މަޖިލީހުން ފާސްކުރާއިރު، ބޭނުން ކޮންމެ ގޮތަކަށް ބަޖެޓު ފާސްކުރުމުގެ ބާރު މަޖިލީހަށް އޮތްކަން ވެސް ގާސިމް ހަނދާންކޮށްދެއްވި އެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން އެއްވެސް މިންގަނޑެއް ނެތި ވެއްދި ވެއްދުމަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ކުރު މުއްދަތުގައި ދައްކާ ގޮތަށް ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ލަސް ނުކުރައްވާށޭ އަޅުގަނޑު ދަންނަވަން މި އުޅެނީ. ލަސްކުރައްވައިގެން އަޅުގަނޑުމެންނަށް ސަލާމަތެއް ނެތޭ. މާދަމާ ޑޮަލަރެއް ނުލިބޭނެ. އަސާސީ ހައްގުތައް އަޅުގަނޑުމެން ދޭންޖެހޭ މީހާއަށް ބޭސްފަރުވާ ކުރާނެ އެންމެ ބޮޑުލާރި ފޮއްޗެއްވެސް ނުލިބޭ ހަމައަށް ދުއްވާލަން އަޅުގަނޑުމެން މި ވާހަކަ ދައްކަދައްކާ ތިބެންވީތޯ،" ގާސިމް ވިދާޅުވި އެވެ.

އައިއެމްއެފް ޕްރޮގްރާމަކީ ގައުމުތައް ދަރަނިތައް ދައްކަން އުޒުރުވެރިވާ ހާލަތުގައި ޝަރުތުތަކަކާއެކު އައިއެމްއެފް އިން ދޭ މާލީ އެހީއެކެވެ. މި ޝަރުތުތަކުގެ ތެރޭގައި ސަބްސިޑީތައް ކަނޑާލުން ހިމެނެ އެވެ.

ދިވެހި ދައުލަތުގެ ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށަށް ގޮސް، ރިޒާވްގައި ހުރި އަދަދު 492 މިލިއަން ޑޮލަރަށް މިހާރު ވަނީ އަރައިފަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ މެއި މަހުގެ ޖުމްލަ ރިޒާވް ހުރީ 622 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ އެއްވެސް މަހެއްގައި ރިޒާވް މިހާ ބޮޑަށް ދަށަށް ގޮސްފައެއް ނުވެ އެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ގްރޮސް ރިޒާވް ދަށްވި، އޮކްޓޫބަރު މަހުގައި ރިޒާވްގައި 552 މިލިއަން ޑޮލަރު ހުއްޓެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން މިހާރު ވަނީ ނިންމަވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް