ސްޕެއިން ސެމީއަށް ދިޔައީ، އިތުރު ވަގުތުގެ ފަހުކޮޅު ޖަރުމަން ކޮޅަށް މިރޭ ޖެހި ލަނޑާއެކު ދެ ލަނޑު އެއް ލަނޑުން ޖަރުމަނު ބަލިކޮށްގެންނެވެ.
ސްޕެއިނަށް މިއީ ތާރީހީ ކާމިޔާބެކެވެ. އެއީ މިއީ، ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ފީފާ ވޯލްޑް ކަޕްގައި މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރު ކަމަށްވުމެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްޕެއިނެވެ. އެއީ ދެ ވަނަ ހާފުގެ ކުރީކޮޅު އޮލްމޯ ޖެހި ލަނޑުންނެވެ. ޖަރުމަނުން އެއްވަރު ކުރީ، 89 ވަނަ މިނިޓްގައި ވާޓްޒްގެ ލަނޑުންނެވެ. މި ނަތީޖާއާއެކު އިތުރު ވަގުތު ކުޅެން ޖެހުނީއެވެ.
އިތުރު ވަގުތުގައި ސްޕެއިނުން ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހު މިނިޓުގައި މިކޭލް މެރީނޯ ބޮލުން ޖެހި ލަނޑުންނެވެ. މި ބޯޅަ ގޮސް ގޯލުގެ ކަނަށް ވަތް އިރު ޖަރުމަނުގެ ކީޕަރު ހުރީ ހުއްޓިފައެވެ.