ads
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހިލޭ ޑިގްރީ އަކީ ބޮޑޫ ސްކޭމެއް: ޝުޖާއު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި "ހިލޭ ޑިގްރީ ސްކީމް" ގައި ހިންގީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝުޖާއު މިހެން ވިދާޅުވީ، މަތީ ތައުލީމުގެ ގާނޫނު އިސްލާހު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. 

ޝުޖާއު ވިދާޅުވީ، މިދިޔަ ސަރުކާރުން ހިލޭ ޑިގްރީ ސްކީމް ހިންގީ ޕްރައިވެޓް ކޮލެޖުތަކައް އިނދަޖެހޭ ގޮތަށް ކަމަށާއި، އެ ޕްރޮގްރާމްގެ ސަބަބުން ކޯސްތަކުގެ އަގު ވެއްޓި ދައުލަތުން ކޮލެޖުތަކަށް ސަބްސިޑީއެއް ދޭން ޖެހުމުން ޕްރައިވެޓްކޮށް ތައުލީމު ފޯރުކޮށްދޭ ފަރާތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ބަލާލަން އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ. އިއްޒަތްތެރި ރައީސް، ހިލޭ ޑިގްރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށް، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތަކީ ކޮބާކަން އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އިއްޒަތްތެރި ރައީސް. މަތީ ތައުލީމު ނުވަތަ ހިލޭ ޑިގްރީ ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އެހާ ގިނަ ދަރިވަރުންތަކެއް ބޭރު ގައުމުތަކަށް ތައުލީމު ހާސިލް ކުރަން ދާންޖެހެނީ ރާއްޖޭގައި އެ ފުރުސަތުތަށް މަދުވުމުން ކަމަށާއި، އަމިއްލަ ކޮލެޖުތައް ބާރުވެރިކުރުވުމުން މަތީ ތައުލީމަށް ދައުލަތުން ހޭދަކުރާ ފައިސާ ބޭރު ގައުމަކަށް ފޮނުވުމުގެ ބަދަލުގައި ރާއްޖޭގައި ހިފެހެއްޓޭނެ ކަމަށެވެ. 

ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ "ސްކޭމެއް" ގެ ގޮތުގައި ކަަމަށް ވިދާޅުވެ، އެ ވާހަކައަށް ބާރުދޭން އޭނާ ދެއްކެވީ އެކަމުގެ ސަބަބުން އަމިއްލަ ކޮލެޖްތަކުގެ އާމްދަނީ ދަށަށް ދިޔަ ވާހަކަ އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކޮރަޕްޝަނެއް ހިންގާފައި އޮތް ކަމަކަށް ނުވަތަ އެކަމުގައި ދަރިވަރުންނަށް ކަމެއް އޮޅުވާލައިފައި އޮތް ކަމަކަށް ވިދާޅެއް ނުވެ އެވެ.

"މިއީއެއް ނޫން މިކަން ކުރާ ގޮތަކީ، މީގެ ސަބަބުން ޕްރައިވެޓް ކޮލެޖްތައް އިނދަޖެހިގެން ދިޔަ މަންޒަރު ދިވެހިރާއްޖޭން ފެނިގެން ދިޔަ، އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ސްކީމަށް މިދިޔަ ފަސް އަހަރު 695 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް