ads
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހު ލަސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިޒްރޭލު ޕާސްޕޯޓް "ބޭން" ކުރުމަށް ސަރުކާރު ފަސްޖެހި، އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީން ހުށަހެޅި ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ލަސްކުރާތީ އެމްޑީޕީގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިދިޔަ އޮކްޓޯބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ބިމަށް އަރައި ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ އިރު އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވާ އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ވަނީ 19 ވަނަ މަޖިލީހުން ފާސްކޮށްފަ އެވެ.

ނަމަވެސް ސަރުކާރު ބަދަލުވި އިރުވެސް ރައީސް ސޯލިހު ސަރުކާރުން މަޖިލީހުގެ ނިންމުމަށް އަމަލުކޮށްފައެއް ނުވެ އެވެ. އަދި ރައީސް މުިއްޒުގެ ސަރުކާރުން ވެސް އެކަމަށް ވަކި ގޮތެއް ކަޑަނާޅުއްވާ އުޅެނިކޮށް 20 ވަނަ މަޖިލީސް ފެށި އިޒްރޭލު މީހުންނާއި އެ ގައުމުގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. 

މުއިއްޒުގެ ސަރުކާރުން ނިންމީ، އެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ބިލަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެންނާށެވެ. އެ ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތަސް، އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. 

your imageއިޒްރާއީލް ޕާސްޕޯޓް މަނާކުރަން ގޮވާލާ ރައީސް އޮފީސް ކައިރީ އަޑު އުފުލަނީ. ފޮޓޯ: ސޯޝަލް މިޑިއާ

ޖުމުލަ 88 މެންބަރުންގެ ވޯޓާ އެކު އިޒްރޭލު ޕާސްޕޯޓު މަނާކުރާ މައްސަލަ 241 ކޮމިޓީއަށް ފޮނުވީ މިދިޔަ މަހު 10 ގައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، އެހެން މަޖިލިސްތަކާ ހިލާފަށް 20 ވަނަ މަޖިލީހުގައި މިހާތަނަށް މަސައްކަތްތައް ވަރަށް އަވަހަށް ނިންމަމުންދާ ކަމަށާއި ނަމަވެސް، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އޮތީ ތާށިވެފައި ކަމަށެވެ. 

މެންބަރު ޒިޔާދު ވިދާޅުވީ، ސަމޯއާ އެގްރިމަންޓުގައި ސޮއިކުރުމަށް ޓަކައި އެއް ގަޑިއިރުތެރޭ ކޮމިޓީގެ ދެ ބައްދަލުވުމެއް ބާއްވާ، އެ ދުވަހުން އެ ދުވަހަށް އެ މަސައްކަތް ނިންމާލި ކަމަށެވެ.

"ނަމަވެސް މަހެއްވީއިރު ވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހުގެ ބިލު ކޮމިޓީގައި އެޖެންޑާކޮށްފައި ވެސް ނުވޭ، އެ އިސްލާހު އަދިވެސް އެ އޮތް ކޮމިޓީގައި އެބަ އޮތް، އެންމެ ބައްދަލުވުމެއް ވެސް ނުބޭއްވޭ..." ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެ އިސްލާހުގެ ބިލާ މެދު ކޮމިޓީގައި ބަހުސްކޮށް ކޮންމެ ވެސް އެއްގޮތަކަށް ނިންމަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި އެ ބިލް ހުށަހެޅުމުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ބަހުސް ނުކުރެއްވީ ވެސް ބިލް އަވަސް ކުރަން ކަމަށް ވިދާޅުވެ ކަން ޒިޔާދު ފާހަގަކުރެއްވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި ދިވެހީން އިހުތިޖާޖު ވެސް ކުރަމުން އަންނައިރު، ގާނޫނަށް އިސްލާހު ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރަން ވަޒީރުންގެ މަޖިލީހުގައި ހާއްސަ ކޮމިޓީއެއް ވެސް އުފައްދައިފަ އެވެ.

އެ ކޮމިޓީގައި ހިމެނެނީ:

  • ދާހިލީ ވަޒީރު އަލީ އިހުސާން
  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ބަންޑާރަ ނައިބު އަހުމަދު އުޝާމް
  • އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  • ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ބަންޑާރަ ނައިބު އޮފީހުގައި މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އިޒްރޭލު ޕާސްޕޯޓް "ބޭން" ކުރުމާއިމެދު ސަރުކާރުގެ ބައެއް ވިސްނުން ހާމަ ކުރައްވާފަ އެވެ.

އެގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ސަރުކާރުން ވެސް ވިސްނީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން އެކަން ކުރަން ކަމަށެވެ. ނަމަވެސް މަޖިލިސް ގަވައިދު އޮންނަ ގޮތުން މަޖިލީހުގެ އެއް ދައުރެއް ތެރޭ، އެއް ކަމަކަށް ދެ ބިލެއް ހުށަނޭޅޭ ކަމަށް އުޝާމް ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުގެ ފަރާތުން އިތުރު ބިލެއް އެ މައްސަލައިގައި ހުށަނާޅާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވާ އިސްލާހުތައް އެ ބިލަށް ގެންނާނީ،" ނަވާރަ ވަނަ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު އޮންނަ ހުރިހާ ގައުމެއްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ގޮތަަށް ހަދައިފި ނަމަ، "އެކަމުގައި އިތުރު  ކޮޕްލިކޭޝަންތަކެއް" ނުވަތަ އުނދަގޫތަކެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ރާއްޖެ ބައިވެރިވެފައިވާ ބައެއް މުއާހަދާތަކުން ޑިޕްލޮމެޓުންނަކީ ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ބަޔަކަށް ވާއިރު، މިހާރު ބިލު އޮތް ގޮތުން އިސްތިސްނާއެއް ނެތި އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރުމުން މިކަމުގައި އުޝާމް ދެކެވަޑައިގަންނަވާ ގޮތާ ގުޅޭ ގޮތުން ވެސް ނޫސްވެރިޔަކު ސުވާލުކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކޮށްފި ނަމަ، އެކަމުގައި އިތުރު ކޮމްޕްލިކޭޝަންތަކެއް އަައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އެކަމުގައި ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ތި ވިދާޅުވި ގޮތަށް، ބައެއް ކަހަލަ ކޮމްޕްލިކޭޝަންތައް އައުމުގެ ފުރުސަތު އެބަ އޮތް ހުށަހަޅާފައި އޮތް ގޮތަށް އޭތި ފާސްކޮށްފިކަމަށް ވަނީ ނަމަ،" އުޝާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 38،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް