ads
ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު: ރާއްޖޭން 1.29 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފަލަސްތީނަށް ހަދިޔާ ކުރަން ވަނީ ނިންމާފަ - ފޮޓޯ/ ފޮރިން މިނިސްޓްރީ
ރާއްޖޭން 1.29 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފަލަސްތީނަށް
ރާއްޖެއިން 1.29 މިިލިއަނަށް ވުރެ ބޮޑު އަދަދެއްގެ އެމެރިކާ ޑޮލަރުގެ އެހީ ފަލަސްތީނު ރައްޔިތުނަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ރާއްޖޭން ފަލަސްތީނަށް އެހީ ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އދ.ގެ މައި މަރުކަޒުގައި މިއަދު ކުރިއަށްދިޔަ "އަންރުވާ ޕްލެޖިންގް ކޮންފަރަންސް" ގައި ދިވެހި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވިދާޅުވި ގޮތުގައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އެހީއެއް އަންރުވާ މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަންދޫބުގެ ވާހަކަފުޅުގައި ރާއްޖޭން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ 5000 އެމެރިކާ ޑޮލަރުގެ އެހީ 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަން ހާމަކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންނެންގެވުމުގެ ދަށުން ގައުމީ ފެންވަރުގައި ބޭއްވި "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނުން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އާއި 49،800 އެމެރިކާ ޑޮލަރު ވެސް އަންރުވާ މެދުވެރިކޮށް ފަލަސްތީނަށް ފޮނުވާނެ ކަން އަލީ ނަސީރު ވަނީ ހާމަކުރައްވާފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އެންމެ ގަދަ އެއް އަޑަކީ ދިވެހިރާއްޖެ އެވެ. އަބަދުވެސް ރާއްޖެއިން ވަކާލާތު ކުރަނީ ފަލަސްތީނާ އެއްކޮޅަށެވެ. ދިވެހީންގެ ފެންވަރުން އަބަދުވެސް ބޮޑެތި އެހީތެރިކަން އެ ގައުމަށް ފޯރުކޮށް ދެ އެވެ. 

އިޒްރޭލުން ހިންގަމުންދާ މި ގަތުލްއާންމުގައި ފަލަސްތީނުގެ 38،400 އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް