ads
ޝަކުވާ
ޝަކުވާ
އެރޭ ނިދަން އުޅެ ނިދޭގޮތެއް ނަވްޔާއަކަށް ނުވިއެވެ. މިޝާއާއި މާމަގެ ވާހަކަތަކުން މާޒީގެ ދުވަސްތައް ހަނދާނުގައި ޓަކި ޖަހަމުން ދިޔައެވެ. ނަވްޔާ ތެދުވެ ކުޑަދޮރުގެ ދޮރުފޮތި ކަހާލައިފައި ދޮރުހުޅުވައިލިއެވެ. އެ ވަގުތު ފިނިފިނި ވައި ރޯޅިތައް އައިސް މޫނުގައި ބީހިލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ފުސްވަމުން ދިޔައިރު ދުރުން މާދުރުން ރަށެއްގެ މަލަމަތި ނަވްޔާއަށް ފެންނަން ފެށިއެވެ.
Advertisement

 32 ވަނަ ބައި (ޝަކުވާ)

7 އަހަރު ކުރި

ނަވްޔާމެންނަށް އެރަށަށް ދެވުނުއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. މުޅި ދަތުރުމަތީގައި ވެސް މާ ގިނަ ވާހަކައެއް ހަކީމު ނުދައްކައެވެ. ދޯނިން ފައިބައިގެން ހަކީމުގެ ފަހަތުން ހިނގާފައި ދިޔައިރު ރަށު މީހުންގެ ލޯތައް ނަވްޔާއަށް ހުއްޓިފައިވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އިސް އޮބާލައިގެން ހުރެ ނަވްޔާ ހިނގަމުން ދިޔައެވެ. ހަކީމު ގޮސް ވަނީ ރާނާ ސިމެންތި ނުޖަހާ ހުރި ގެއަކަށެވެ. ގޭތެރެއަށް އެޅި ފިޔަވަޅާއެކު ނަވްޔާގެ ނޭފަތުގައި ޖެހުނީ އުނދަގޫވާ ޒާތުގެ ވަހެކެވެ. ގޭތެރެއަށް ފެތުރިފައި އޮތީ އަނދިރިކަމެވެ. ހަކީމު ބޮކި ދިއްލައިލިއެވެ. ބޮކީގެ ފަނޑު އަލި ތެރޭގައި ތަރުތީބެއް ނެތި އުކާލައިފައިވާ އަންނައުނާއި އެކި ސާމާނު ނަވްޔާގެ ލޮލުގައި އަޅައިގަތެވެ. އެއްފަރާތުގައި ހުރި ތިން ކޮޓަރި ތެރެއިން އެއް ކޮޓަރިއަށް ނަވްޔާގެ ފޮށި ހަކީމު ވެއްދިއެވެ. އެ ކޮޓަރީގައި ވެސް ހުރީ ސިމެންތި ނުޖައެވެ. ނަމަވެސް އެއީ ޖާގައިގެ ގޮތުން ތަނަވަސް ކޮޓަރިއެކެވެ. ޑަބަލް އެނދަކާއި ކުރީ ޒަމާނުގެ ބޮޑު އަލަމާރިއެއް ހުއްޓެވެ. ނަސީބަކުން ފަންކާއެއް ހުއްޓެވެ. ވެފައިވާ ވަރުބަލިކަމާ އެކު ނަވްޔާ ގޮސް އެނދުގައި އިށީނެވެ.

"ކަލޭ މި ގެނައީ މިގޭގަ ބައިންދާކަށް ނޫން. ބަދިގެއަށް ގޮސް ކައްކަން ދޭ." ހަކީމު އަޑުގައިވީ ހަރުކަށި ކަމެވެ.

ނަވްޔާ އަވަސްއަވަހަށް ތެދުވިއެވެ. ބިރުން ހުރެ ހަކީމުގެ ފަހަތުން ނުކުތީ ބަދިގެ ދައްކަން ދަނީކަމަށް ހީކޮށެވެ. ނަމަވެސް ހަކީމުގެ މިސްރާބު ހުރީ ބޭރު ދޮރާ ދިމާއަށެވެ. ހަދާނެ ގޮތެއް ނޭނގިފައި ނަވްޔާ ހުއްޓެވެ. ނުކުމެނުކުމެ ހުރެފައި ހަކީމު ހުއްޓުނެވެ. އަދި އަނބުރާލައިފައި ނަވްޔާގެ ކައިރިއަށް އައެވެ.

"މިރޭ ނުކެއްކިޔަސް ހެޔޮ. އަންނާނަން ކާ އެއްޗެއް ހިފައިގެން." ހަކީމުގެ ރާގު ބަދަލުވިއެވެ.

"އަހަރެން އަންނަންވާ އިރަށް ފެންވަރާ ތައްޔާރުވެގެން އިނދޭ."

ނަވްޔާގެ ކޮލުގައި ހިފައިލަމުން ހަކީމު އިތުރުކޮށްލިއެވެ. ސިހިފައި ނަވްޔާއަށް ދުރަށް ޖެހިލެވުނު އިރު މޭ ނެގިނެގިފައި ޖެހެން ފެށިއެވެ. ހަލާލު ނޫން ގުޅުމަކަށް ދާކަށް ނަވްޔާ ބޭނުމެއް ނޫނެވެ. ހަކީމު އައުމުން ހުރިހާ ވާހަކައެއް ކިޔައިދޭނީ އޭ ނަވްޔާ ހިތަށްއެރިއެވެ.

އެކެމަކު ހަކީމު ދިޔަތާ އެތައް އިރެއް ވީ އިރު ވެސް ނައެވެ. ނަވްޔާއަށް ބަނޑުހައިކަން އިހުސާސް ކުރެވެމުން ދިޔައެވެ. އެ ރަށަށް ދިޔައިރު ދަތުރުމަތީގައި ހޮޑުލެވުމުގެ ސަބަބުން ގޮހޮރަކު އެއްވެސް އެއްޗެއް ނެތެވެ. މާ ގިނައިރު ވާން ފެށުމުން ނަވްޔާ ކޮޓަރިން ނުކުތެވެ. ގޭގެ ފަހަތު ދޮރު ހުޅުވައިލިއިރު އެ ތަނުގައި ރަނިކަން ކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. ބޯ މަތިން އެލިފައި އޮތް ސްވިޗެއް އެ ވަގުތު ނަވްޔާއަށް ފެނުނެވެ. ނަވްޔާ ސްވިޗް ޖައްސައިލުމުން އެ ހިސާބުގަނޑު އަލިވިއެވެ. ގޭތެރެއިން ނުކުމެވެން ހުރީ ހިޔާކޮށްފައިވާ ފެންޑާއަކަށެވެ. ފެންޑާގެ ބިތްދޮށުގައި ހީވާ ގޮތުން ހުރީ ބަދިގެއާއި ކާގެއެވެ.

ޖެހިލުންވި ނަމަވެސް ނަވްޔާ ފެންޑާއަށް ނުކުމެ ބަދިގެއަށް ވަނެވެ. މިއިން ޒަމާނަކު ވެސް ބަދިގެއަށް މީހަކު ވަދެފައި ހުރިހެންނެއް ހިއެއް ނުވެއެވެ. ނުދޮވެ ހުރި ތައްޓާއި ތެލިން ސިންކު ހުރީ ފުރިފައެވެ. ނަވްޔާ އޯކަށް ދަމައިގަތެވެ. ކާގެ ވެސް ހަމަ އެފަދައެވެ. ބިންމަތި ވެސް ކުނިކަހާލި ދުވަހެއް ވެސް ނޭނގެއެވެ. އެކި އެއްޗެހީގެ މަތި ނަގާ ހެދި އިރު ވެސް ކާކަހަލަ އެއްޗެއް ނަވްޔާއަކަށް ނުފެނުނެވެ. ބަނޑުހައިވެފައި ހުރިވަރުން ދަޅުތަކުގެ މަތި ނަގަމުން ދިޔައިރު އަތް ތުރުތުރު ލަމުން ދިޔައެވެ. ކައްކައިގެން ކެވޭނެ ކަހަލަ އެއްޗެއް ވެސް ނެތެވެ.

ކުއްލިއަކަށް ދަތުރުމައްޗަށް ހަކީމު ދިން ބިސްކޯދު ޕެކެޓާއި ފެންފުޅިމަތިން ނަވްޔާ ހަނދާންވިއެވެ. ހޮނޑުލެވޭ ވަރުން ދަތުރު މަތީގައި ނަވްޔާ އެއްވެސް އެއްޗެއް ނުކައެވެ. ނަވްޔާ އަވަސްއަވަހަށް ގޮސް ދަބަހުން އެ ތަކެތި ނަގައިގެން ނުކުތެވެ. ހަރީރާއްތަ ދިން ބަނބުކެޔޮދަޅު ނުލާ އާދެވުނު މޮޔަ ހިތަށްއަރަމުން ދިޔައެވެ. ފެންޑާގައި ހުރި ކޮޅުފިލާގޮނޑީގައި އިށީނދެ ކާން ފެށިއިރު ލޮލުން ކަރުނަ ހިލިއްޖެއެވެ. ރަށުގައި ކިތަންމެ ހިތްދަތި ދިރިއުޅުމެއް އުޅުނު ނަމަވެސް ދުވަހަކު ވެސް ބަނޑުހައިވެގެން ކާ އެއްޗެއް ނުލިބިގެން އުޅުނު ހަނދާނެއް ނަވްޔާ ނުވެއެވެ. އެންމެ ކުޑައިރު މަންމައާ އެކު އުޅުނު އިރުވެސް ގޭގައި ކާ އެއްޗެއް ނެތަސް ނަވްޔާ ހުންނަނީ ހަރީރާއްތަމެންގެ ގެއިން ކައިގެންނެވެ. އެކަނިވެރިކަމަކީ ކޮބައިކަން އެނގުނީ ވެސް އެރެއެވެ. ދަންނަ އެއްވެސް މީހެއް ނޫޅޭ ބީރައްޓެހި ރަށެއްގައި، ހަދާނެ ގޮތެއް ނޭނގިފައި، އެކަނިމާ އެކަނި އިންނަން ޖެހުމުންނެވެ. ކުރިން ވެއްޖިއްޔާ އަބަދު ވެސް ކޮންމެ ވެސް މީހަކު ނަވްޔާއާ އެކު ވިއެވެ. މަންމައާއި ހަރީރައްތަ އެވެ. އަޒްކާއާއި ފަރްހާއެވެ. އެ ކަންތައްތަކަށް ޝުކުރުކުރަން މި އެނގުނީ އަދި ކިރިޔާއެވެ. އެ ނިއުމަތްތައް ބީވެގެން ދިއުމުންނެވެ.

އެ ވަގުތު މީހަކު ބަލާ ކަމުގެ އިހުސާސް ކުރެވިގެން ނަވްޔާ އިސް އުފުލައިލިއެވެ. ކުރިމަތީގައި ތިބި ދެ ކުދިން ފެނިފައި އެންމެ ކުރިން ނަވްޔާ ގަތީ ބިރެވެ. ހިކި އަނަރޫފަ ވެފައިވާ އެ ކުދިންގެ އުމުރު ލަފާކޮށްލަން ވެސް ނަވްޔާއަކަށް ނޭނގުނެވެ. ބޮޑަށް ހުރި އަންހެންކުއްޖާގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. ކުޑަ ފިރިހެން ކުއްޖާގެ ނަޒަރު ހުއްޓިފައި ހުރީ ނަވްޔާގެ އަތުގައި އޮތް ބިސްކޯދަށެވެ. އެ ކުއްޖާ ހިންދިރުވާލިތަން ފެނިފައި ނަވްޔާ ބިސްކޯދު ޕެކެޓު ދިއްކޮށްލިއެވެ. ނުލިބިދާނެތީ އުޅޭ ކަހަލަ ގޮތަކަށް ޕެކެޓު ޖަހައިގަތުމަށް ފަހު އެތެރެއަށް އެ ކުއްޖާ ދުއްވައިގަތެވެ. ހިނދުކޮޅަކު ބަލަން ހުރެލާފައި އަންހެންކުއްޖާ ވެސް ކުޑަކުއްޖާގެ ފަހަތުން އެތެރެއަށް ވަނެވެ.

އެއީ ކޮން ކުދިބައެއް ބާވައޭ ނަވްޔާ ހިތަށްއެރިއެވެ. އިރުކޮޅަކު އިނދެލާފައި ތެދުވީ މަދިރި ހަފަން ފެށުމުންނެވެ. ކޮޓަރިއަށް ގޮސްފައި އަދި ވެސް ބަނޑުހައިކަން ނުފިލާތީ ފެންފުޅި އެއްކޮށް ބޮއި ހުސްކޮށްލިއެވެ. ހަކީމު އަންނާނެ ކަމުގެ އިންތިޒާރުގައި އޮއްވާ ނަވްޔާއަށް ނިދި ޖެހުނު އިރެއް ވެސް ނޭނގެއެވެ. ކުއްލިއަކަށް ހޭލެވުނީ ނަވްޔާގެ ގަޔަށް ބަރު އެއްޗެއް ވެއްޓުނު ހެން ހީވެގެންނެވެ. ގައިމަތީގައި އޮތީ ހަކީމުކަން އެނގުމުން ނަވްޔާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެއްވެސް ހަރަކާތެއް ނުކޮށް ހަކީމު އޮތެވެ. ހަކީމު އެއްފަރާތަކަށް ކޮއްޕައިލުމަށް ފަހު ނަވްޔާ ތެދުވިއެވެ. ހަކީމުގެ ނޭފަތް ކައިރީގައި ނަވްޔާ އަތް ހިންގައިލީ ހިރިވެސް ނުލާ ހަކީމު އޮތް ގޮތަށް އޮތުމުންނެވެ. ހަކީމު ނޭވާލާކަން އެނގުމުން ނަވްޔާ ތެދުވެފައި ބާލީހެއް ހިފައިގެން ގޮސް ބިންމަތީގައި އޮށޯތެވެ. ފަތިހު ބަންގީގެ އަޑު އިވުނީ ނަވްޔާ ތަޅުންގަނޑުމަތީގައި ނިދޭތޯ މަސައްކަތް ކުރަން އޮއްވައެވެ.

ނަވްޔާ ނަމާދުކޮށް ޒިކުރުތައް ކިޔަވައިލުމަށްފަހު ބަދިގެ ފަރާތަށް ދިޔައެވެ. ކާނެ އެއްޗެއް ހަކީމު ގެނެސްފައި ހުންނާނެ ކަމަށެވެ. ބަދިގެއަކު އެއްވެސް އެއްޗެއް ނެތެވެ. ގޭތެރޭގެ އެއްވެސް ތަނަކުން ވެސް އެއްޗެއް ނުފެނުނެވެ. ކޮޓަރިއަށް ނުވަންނާން ވެގެން ފެންޑާއަށް ނުކުމެ ގޮނޑީގައި ނަވްޔާ އޮށޯތެވެ. ނަވްޔާއަށް ހޭލެވުނީ މޫނުގައި އެއްޗެއް ކޭއްތޭ ހެން ހީވެގެންނެވެ. ފުންމައިގެން ތެދުވެ ބަލައިލިއިރު ކުރީމަތީގައި ހުރީ ރޭގައި ފެނުނު ފިރިހެން ކުއްޖާއެވެ. އޭރު އިރު އަރައިފިއެވެ. އެ ކުއްޖާގެ އަތުގައި ފަންވަތެއް އޮތެވެ. ނަވްޔާ ބުމަ އަރުވައިލުމުން ބަނޑުގައި އަތް ކާއްތައިލިއެވެ. އެ ކުއްޖާ އެ ބުނަނީ ބަނޑުހައިވެފައި ހުރި ވާހަކަކަން ނަވްޔާއަށް ދޭހަ ވުމާ އެކު ނަވްޔާގެ ލޮލުން ކަރުނައައެވެ.

"ކޮއްކޮ ބަނޑުހައިވީތަ؟ ނަވްޔާ އެހިއެވެ.

އެ ކުއްޖާ ބޯ ޖަހައިލިއެވެ.

"ކޮން ނަމެއް ކިޔަނީ؟"

"އަހުމަދު މާކިން ހަކީމް" ލޯބި ގޮތަކަށް އެ ކުއްޖާ ބުނެލިއެވެ.

ހައިރާން ކަމާ އެކު ނަވްޔާ ބަލައލިއެވެ. ހަކީމުގެ ކުދިން ތިބޭ ވާހަކައެއް ނަސީމާއްތަ ނުބުނެއެވެ. ބުނިހާ ވެސް އެއްޗަކީ ކުރީގައި މީހަކާ އިނދެ އެ މީހާ ވަރިކޮށްފައި ހުންނަ ވާހަކައެވެ.

"ކޮބާ މަންމަ؟"

"ނޭނގެ" މާކިން ކޮނޑު އަރުވައިލިއެވެ.

"ދޮންތަ ދިޔަ ތަނެއް ވެސް ނޭނގޭ."

"އެހެންތަ؟ ދޮންތައަށް ކިޔަނީ ކޮން ނަމެއް؟" ބުނާނެ އެއްޗެއް ނޭނގިގެން ނަވްޔާ އެހިއެވެ.

"މިޝާ."

"މާކިން!" އެތެރެއިން ގޮވައިލި އަޑު އިވުނެވެ.

ދެވަނަ ފަހަރަށް ގޮވައިލުމުން މާކިން އެތެރެއަށް ދުއްވައިގަތެވެ. ނަވްޔާ ވެސް ފަހަތުން ދިޔައެވެ. އެތެރެއަށް ވަނުމާ އެކު ދޮން ފޭރުގެ ވަސް ނަވްޔާގެ ނޯށުގައި ޖެހުނެވެ. އޭރު މިޝާ ހިނިތުންވެފައި ހުރެ ދޮން ދެ ފޭރު ހިފައިގެން މާކިން ކައިރިއަށް އަންނަނީއެވެ. ނަވްޔާ ފެނުމުން މިޝާގެ ހިނިތުންވުން ފިލިއެވެ. މާކިން ދުވެފައި ގޮސް ފޭރު އަތުލައިގެން ކާން ފެށިއެވެ. ނުރުހުމުގެ ނަޒަރެއް ނަވްޔާއަށް ދީފައި މާކިން ގޮވައިގެން މިޝާ ވަނީ  ކޮޓަރިއަށެވެ. ނަވްޔާގެ ބަނޑުން އަޑު ކިޔައިލިއެވެ.

ކޮޓަރިއަށް ދާން ނަވްޔާ ހިނގައިގަތީ ހަކީމަށް ގޮވާފައި ކާއެއްޗެއް ދޭން ބުނަންވީއޭ ހިތަށްއަރާފައެވެ. އެ ވަގުތު ފަހަތުން ގައިގައި ކޮއްޓައިލިހެން ހީވިއެވެ. ފަހަތަށް އެނބުރުނު އިރު މާކިންއެވެ. ބޮޑުބައި ކާލާފައި އޮތް ފޭރުގެ ބާކީ ބައި ނަވްޔާއަށް މާކިން ދިއްކޮށްލިއެވެ. ނަވްޔާ ވަގުތުން ފެންކަޅިވިއެވެ. ފަހަތް ބަލައިލުމަށް ފަހު ކުއްލިއަކަށް ނަވްޔާގެ އަތުގެ ތެރެއަށް ފޭރުކޮޅު ލާފައި މާކިން ކޮޓަރިއަށް ދެމިގަތެވެ. ފޭރުކޮޅު ކަމުން ދިޔައިރު ނަވްޔާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނިކަމެއްޗެއްގެ ހާލު އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ނިކަމެއްޗަކަށޭ ބުނާ އަޑު ނަވްޔާ އަހައެވެ. އެއީ ކިހާ ބޮޑު ތެދެއްކަން ނަވްޔާއަށް އެ ދުވަހު އެނގުނެވެ. މުޅި އުމުރުގައި  ވެސް އެހާ މީރު ފޭރެއް ކެވުނު ހަނދާނެއް ނަވްޔާ ނުވެއެވެ.

ހަކީމަށް ދެ ތިން ފަހަރަކު ގޮވުމުން ވެސް ނުހޭލިއެވެ. އިތުރަށް ގޮވާކަން ނަވްޔާއަކަށް ނުކެރުނެވެ. ދެން ހަދާނެ ގޮތަކާ ދޭތެރޭގައި ވިސްނަން ބޭރުގޭތެރޭގައި އިންދާ، ސްކޫލް ޔުނިފޯމް ލައިގެން ދެ ކުދިން ނުކުތް ތަން ފެނުނެވެ. ލާފައިވާ ބާ ޔުނިފޯމުން ރޫ ނުފިލާ ހުރި ނަމަވެސް މިޝާއަށް ވެވުނު ވަރެއް ކޮށްފައިވާކަން އެނގެއެވެ. އަރައިގެން ތިބި ބޫޓު ވެސް ވަނީ ހަލާކުވާން ކައިރިވެފައެވެ. ދެ ކުދިން ވެސް ތިބީ ފެންވަރައިގެންނެވެ. ނުކުންނަން ދަމުން މާކިން ހަނާ އަޅައިލިއެވެ. ނަވްޔާއަށް ބޭ އިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

ހައިހޫނުކަން ބޮޑުވާން ފެށުމުން ނަވްޔާ އަނެއްކާ ވެސް ދަބަސް ހާވަން ފެށީ ކާ އެއްޗެއް ފެނޭތޯއެވެ. އެ ވަގުތު ބޮޑުބެ ދިން ސިޓީ އުރަ ނަވްޔާގެ ލޮލުގައި އަޅައިގަތެވެ. ތުރުތުރުލާ އަތަކުން ނަވްޔާ އެ ސިޓީ އުރަ ކަނޑައިލިއެވެ. އޭގައި ހުރި ފައިސާގެ ނޫޓުތައް ފެނުމުން ހިތާހިތާ މާތްﷲއަށް ޝުކުރު ކުރެވުނެވެ.    

ހިތްވަރުކޮށްފައި ނަވްޔާ ގެއިން ނުކުތީ ފިހާރައެއް ހޯދުމުގެ ނިޔަތުގައެވެ. މަގުމަތިން ދާ މީހުންނާއި ގޯތިތަކުގައި ތިބޭ މީހުން ބަލާ ވަރުން ނަވްޔާއަށް އުނދަގޫވިއެވެ. ކިތަންމެ ވަރަކަށް ބެލި ނަމަވެސް އެއްވެސް މީހަކު ވާހަކަދައްކާކަށް ނޫޅެއެވެ. ނަސީބަކުން އެ މަގުގެ ތަންކޮޅަކަށް ހިނގާލަން ވާ އިރަށް ފިހާރައެއް ފެނިއްޖެއެވެ. ފިހާރައިގައި ސޭޓަކަށް އިނީ މެދު އުމުރުގެ އަންހެނެކެވެ.

"ތިއީ ކޮންކުއްޖެއްތަ؟ އިއްޔެ މިހެން ލާފައި ހަކީމާ އެއްކޮށް ދަނިކޮށް ފެނުނު. ހަކީމު އިން ކުއްޖަކީ ތިއީތަ؟"

ނަވްޔާ ބޯ ޖަހައިލިއެވެ. އިތުރަށް ވާހަކަދެއްކުމުގެ ގަސްދެއް ނަވްޔާގެ ނެތެވެ. ނަސީބަކުން އެހެން މީހަކު ފިހާރައަށް ވަނުމުން ސޭޓު ވެސް އިތުރަށް ނަވްޔާއާ ވާހަކަ ދައްކާކަށް ނޫޅުނެވެ.

ބޮޑު ދެ ކޮތަޅު ފުރާ އެއްޗެހި ގަނެގެން ގޭތެރެއަށް ވަން ވަގުތު ކޮޓަރި ދޮރުމަތީގައި ހުރި ހަކީމު ފެނިފައި ނަވްޔާ ހުއްޓުން އެރިއެވެ.

"ކޮންތާކު އުޅެއުޅެފަ ތިޔައީ؟" ހަކީމު ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް