ads
ކުރިން އޮތް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: - ފައިލް ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕެޓިޝަން ކޮމިޓީއަށް މިނިސްޓަރު ވަޑައިނުގަތުމުން މެންބަރުންގެ ކަންބޮޑުވުން
މިއަދު ހެދުނު 11:00 އަށް ތާވަލުކުރި ޕެޓިޝަން ކޮމިޓީ އަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހާޒިރުވެވަޑައި ނުގެންނެވި މައްސަލައިގައި ކޮމިޓީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
Advertisement

ކޮމިޓީގެ އެޖެންޑާގައި އޮތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި، އަދި ކަމުގެ މަސްލަޙަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓުތައް ބާތިލު ނުކުރުމަށް އެދި ހުށަހެޅިފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމެވެ.

ކޮމިޓީގެ ބައްދަލުވުން މިއަދު ފެށުމަށްފަހު މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަދި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިނިސްޓަރު ހައިދަރު ވަޑައިގަތުމަށް ކޮމިޓީން ދަންނަވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވީ ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ޖަވާބުދާރީވެވޭ ޒިންމާދާރު ބޭފުޅުން ކޮމިޓީއަށް ފޮނުވައިދިނުމަށް. މިނިސްޓަރު ކޮމިޓީއަށް ވަޑައިގަތުމަކީ މިނިސްޓަރުގެ އަމިއްލަފުޅު ނިންމެވުން،" މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މުގައްރިރު ވިދާޅުވި އެވެ.

އެ ކޮމިޓީގައި އިންނަވާ ވެލިދޫ ދާއިރާގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

"އަދި މިކަމަށް އެކަށީގެންވާ މުއްދަތު ވެސް ދެވިގެންދިޔައީ. ސުންގަޑި ސުންމިނިޓަށް ވީމަ ހާޒިރުވެވެން ނެތް ކަމަށް ބުނުން އެއީ ވަރަށް އިހުތިރާމުކުޑަކުރުން ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ މެންބަރުން އެގޮތަށް ދެކެވަޑައިގަންނަވާކަން ހައުސިން މިނިސްޓްރީއަށް އަންގަން ޖެހޭ ކަމަށެވެ. އަދި ކޮމިޓީން އަހަން ބޭނުންވާ ސުވާލުތަކަށް މިނިސްޓްރީން ޖަވާބުދީ، ލިޔުމުން މައާފަށް އެދެން އެންގުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަށް މިނިސްޓަރު ހައިދަރު ވަޑައިނުގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މިނިސްޓަރު އަމަލުކުރެއްވި ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

"ވަޒީރުންގެ މިއަމަލަކީ ގައިރު ޒިންމާދާރު އަމަލެއް. އަޅުގަނޑުމެންނަކީވެސް ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުން. އަޅުގަނޑުމެންނަށްވެސް ކޮންމެވެސް އިހްތިރާމެއް ކުރަންވާނެ. އަޅުގަނޑުމެން ހުރިހާ މެންބަރުންގެ ވަގުތު ވަޒީރު އެ ބޭކާރުކުރެއްވީ،" މިނިސްޓަރު ހައިދަރު ކޮމިޓީއަށް ވަޑައިނުގަތުމުން ނުރުހުން ފާޅުކުރައްވާ ޒިޔާދު ވިދާޅުވި އެވެ.

އޭގެ ފަހުން، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ ވިދާޅުވީ އެ ބައްދަލުވުމަށް ވަޑައިގަންނަވަން މިނިސްޓަރު ހައިދަރު ހުށަހެޅުއްވީ އަމިއްލައަށް ކަމަށެވެ. އަދި ހާޒިރުވެވޭނެ ކަމަށް ވަގުތު ދެއްވީ، މިއަދު އޮތް ކެބިނެޓް ބައްދަލުވުން ކޮމިޓީ ފެށޭ ގަޑި ކަމަށްވާ 11:00އަށް ނިމޭނެ ކަމަށް ލަފާ ކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަން ދިމާކުރި ގޮތުން ކެބިނެޓް މީޓިން ނިމިފައި ނުވާތީވެ މިނިސްޓަރަށް ވަޑައިނުގަނެވުނީ އެހެންވުމާއެކު ވެސް އަޅުގަނޑު ގަބޫލުކުރަނީ މިނިސްޓަރަށް ވަޑައިނުގަނެވުނު ކަމަށް ވިޔަސް މިނިސްޓަރުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން މި ކޮމިޓީއަށް ހާޒިރުވާން ޖެހޭނެ ކަމަށް،" މުހައްމަދު އަލީ ވިދާޅުވި އެވެ.

your imageމިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން

މި ކޮމިޓީގައި ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މެމްބަރުންވެސް ވިދާޅުވީ، މިކަން ހިނގާ ދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި، މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތުވެސް މިނިސްޓަރަށް ދެވިފައިވާ ކަމަށެވެ.

މިފަދަ ހައްސާސް މައްސަލައެއްގައި ވަޑައިނުގެންނެވުމަކީ އަދި ޖަވާބުދާރީ ނުވެވުމަކީ ކަންބޮޑުވުން އޮތް ކަމެއްކަމަށް ޕީއެންސީގެ މެމްބަރުންވެސް ކޮމިޓީގައި ވިދާޅުވި އެވެ.

އެގޮތުން ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވީ މިނިސްޓަރު ހައިދަރު އަމަލުކުރެއްވީ ރަނގަޅަށް ނޫން ކަމަށެވެ. ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ މައްސަލައަކަށް ވާތީ މިފަދަ މައްސަލައެއް ކޮމިޓީގައި އޮތުމުން މިނިސްޓަރު ވަޑައިގެން މައުލޫމާތު ހިއްސާކުރައްވަންޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެއަށް ފަހު ކޮމިޓީން ވޯޓަށް އެހީ ދެން އެންމެ އަވަހަކަށް މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރެވޭނެ ތާރީޚެއްގައި، އެ ބޭފުޅުން ހާޒިރުކޮށް ބައްދަލުވުމެއް ބޭއްވުމަށެވެ. އެ ހުށަހެޅުން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދީފައިވީ ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ފްލެޓު ލިބޭ މީހުންގެ މައްސަލަތައް އޭސީސީން ބަލާފައި ވަނީ ގޯސްކޮށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ގެދޮރުވެރިޔާ ފުލެޓަށް އެދި ހުށަހެޅި ހުރިހާ އެންމެންގެ ފޯމުތައް އިވެލުއޭޓު ކުރާން ކަމަށް ހައުސިން މިނިސްޓަރު ވިދާޅުފައިވާއިރު، ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް