ads
ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒެއްގެ ބޮލުގައި ރައީސް ރަން ތާޖު އަޅުވައި ދެއްވަނީ
ރައީސްގެ ވައުދެއް؛ ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރާނަން
ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުންދޭ އިނާޔަތް ދެގުނަ އަށް ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދު ވެއްޖެ އެވެ.
Advertisement

ކީރިތި ގުރްއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ނިންމުމުގެ ޖަލްސާގައި ވާހަަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ.

އަދި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކުލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑަ އިރު ކީރިތި ގުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރު ކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ހާފިޒު ކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ހާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޒުންނަށް ލިބެ އެވެ.

ރައީސް އަދި ވިދާޅުވީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމު ކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ކީރިތި ގުރްއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި އަންނަ އަހަރުން ފެށިގެން ހަދާނެކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް