މާމިނގިލި ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިހާލަތުގައި ދަނޑުވެރިކަމުގެ އުފެއްދުން އިތުރުކުރުމަށް ކައުންސިލުން އެދޭ ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ބިން ރަށުގެ ނިސްބަތުން ދޫކުރާނެ ކަމަށެވެ.
އެގޮތުން އެއްވެސް ކުއްޔަކާއި ނުލައި، ހަ މަހުގެ މުއްދަތަކަށް 4000 އާއި 6000 އަކަފުޓޫގެ 80 ދަނޑު ދޫކުރަން ނިންމާފައިވާ ކަމަށް ބުނެ އެވެ.
އޭގެ އިތުރުން އިއުލާނުގައި ބުނީ ބިޑް އުސޫލުން އެރަށުން ދޫކޮށްފައިވާ ދަނޑުތަކުގެ ކުލި ވެސް މިމަހާއި އަންނަ މަހު މައާފުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އަލަށް ދޫކުރަން ނިންމާފައިވާ ދަނޑުތައް ދޫކުރާނީ ބިޑް އުސޫލުން ދަނޑު ދޫކޮށްގެން ދަނޑުތައް ނުލިބޭ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށެވެ.
ކައުންސިލުން އިތުރަށް ބުނި ގޮތުގައި ބިޑް އުސޫލުން ދޫކުރި ދަނޑުތައް ލިބުނު މީހުންގެ ތެރެއިން ދަނޑުތައް ކައުންސިލާ ހަވާލުކޮށްފިނަމަ އަލަށް ދޫކުރާ ދަނޑުތައް ހޯދުމަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މިގޮތަށް ދޫކޮށްލާ ދަނޑު އަލަށް ދޫކުރާ ދަނޑުތަކުގެ ތެރެއަށް އިތުރުކުރެވޭނެ އެވެ.
ދަނޑުވެރިކަން ކުރުމަށް ބިން ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިކަމަށް އެދި ކޮންމެ ގޭބިސީއަކުން ވެސް ހުށަހެޅޭނީ އެންމެ ފޯމެކެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އިނދަޖެހިފައިވާ މިދަނޑުވަޅުގައި ހަމައެކަނި ފަތުރުވެރިކަމަށް އިގްތިސޯދު ބިނާކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަމުން ސަރުކާރުން އަންނަނީ ދަނޑުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގެ ދަށުން އަތޮޅުގެ ތެރޭގެ ބައެއް ދަނޑުތަކުގައި ވެސް ވަނީ ގޮވާމާއި ފަމަލަޑީގެ ބާވަތްތައް ހެއްދުމުގެ މަަސައްކަތް ފަށާފަ އެވެ.
ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރު ކުންފުނި، އެސްޓީއޯއިން ވަނީ "އެސްޓީއޯ އެގްރި ސެންޓާ" ގެ ނަމުގައި ޕްލެޓްފޯމެއް ވެސް އުފައްދަން ނިންމާފަ އެވެ. އަދި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އެސްޓީއޯއިން ކުރާނެ ކަމަށް އެތަނުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެ އެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު، ޒަހާ ވަހީދު ވެސް ވަނީ މިދަނޑިވަޅުގައި ރައްޔިތުން ދަނޑުހެއްދުމުގެ މަސައްކަތަށް ނިކުތުމަށް ގޮވާލައްވާފަ އެވެ.