މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުހައްމަދު ޝަފީގާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުالله މުއްތަލިބުގެ އިތުރުން ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ވަންގް ޔީއާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި، އިގުތިސާދީ އެއްބާރުލުމާއި، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުންނެވެ.
މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ރައީސް ޑރ. މުއިއްޒު އިއުލާނުކުރެއްވި ޑޮމެސްޓިކް ފިސްކަލް ރިފޯމްތަކުގެ މައުލޫމާތު މިނިސްޓަރ ވަންގް ޔީއާ ހިއްސާ ކުރައްވައި، އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް އެޑްރެސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ދެ ސިޓީ ރަސްމީކޮށް އަރުވާފަ އެވެ.
މިނިސްޓަރު ވަންގްއާ އެކު ކުރެވުނު މަޝްވަރާތަކުގެ އިތުރުން މިނިސްޓަރު ޒަމީރު ވަނީ ޗައިނާ ސަރުކާރުގެ އިސް ވެރިންނާއި ޗައިނާގެ މުހިންމު ކުންފުނިތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދަވައިފަ އެވެ.
ރައީސް ޑރ. މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުކަމުގައިވާ "ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ރީޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޕްރޮޖެކްޓް" ގައި ވެސް މި ދަތުރުފުޅުގައި ވަނީ ސޮއިކުރެއްވި އެވެ.
މިނިސްޓަރު ޒަމީރު މި ދަތުރުފުޅުގައި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި އެމްބަސީގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.