ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށައެޅީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ލޯކަލް ކައުންސިލްތަކުން ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެކަަމަށެވެ.
މެންބަރު އިސްމާއީލް ޝަފީއު މި އިސްލާހުގައި ވަނީ މި މީގެ ފަހުން ބައި-އިލެކްޝަން ބާއްވާނީ އަހަރަކު ދެ ފަހަރުކަމަށެެވެ. އެހެެންނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ. އަދި އިންތިހާބަށް ކުރިމަތިލާން ހުޅުވާލަންޖެހޭ މުއްދަތެއް ހިމަނާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދުންކަމަށްވެސް މި އިސްލާހުގައިވެއެވެ.
އަލަށް ހުށައެޅި އިސްލާހުގައިވަނީ ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގައި އެއް އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނުވާ ގޮތަށް ވަނީ ހިމަނާފަ އެވެ.