ads
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ-
ކުލި ނުދެއްކޭ މީހުން ރަށަށް ދިއުމަށް ބުނީ ނިކަމެތިންގެ ހާލު އިހުސާސްކުރެވޭތީ: އީސަ
މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން ކުލި ނުދެއްކި މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވީ، ވަރަށް ނިކަމެތި ހާލަތެއްގައި ކުރިން ދިރިއުޅުއްވާފައިވާތީ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.
Advertisement

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރޭ އީސަ ވިދާޅުވީ، ކުލި ނުދެއްކި މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ރަށަށް ދިއުމަށް ރައްޔިތުންނަށް އެދިވަޑައިގަތީ ހެޔޮ ނިޔަތުގައި ކަމަށާއި އެގޮތުން މީހުންނަށް ހީވިޔަސް އޭނާއަކީ މުޅި ހަޔާތް އެހާ ތަނަވަސް ދިރިއުޅުމެއް އުޅުނު ފަރާތެއް ނޫން ކަމަށެވެ.

ވަރަށް ނިކަމެތި ހާލުގައި ދިރިއުޅުއްވާފައިވާނެކަން ފާހަގަކުރައްވަމުން އީސަ ވިދާޅުވީ، ކުލި ނުދެއްކި މާލޭގައި މަގުމަތިވާ ހާލަތަށް ކަމެއް ގޮސްފިނަމަ ވާނެގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. 

ޔޫރަޕްގެ މުއްސަނދި ގައުމުތަކަށް ވުރެ ވެސް މާލެއަކީ އަގު ބޮޑު ސިޓީއެއްކަމަށާއި މާލޭގައި ކުލި ދައްކައިގެން ދިރިއުޅުމަކީ ވަރަށް ބޮޑު ބުރައެއްކަމަށް އީސަ ވިދާޅުވި އެވެ. 

އީސަ ވިދާޅުވި ގޮތުގައި އެގޮތަށް ވިދާޅުވުމުން އޭނާއަށް އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވި ސަބަބަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާތެރިކަން ދެނެގަނެވިފައި ނުވުން ކަމަށް ވެދާނެ އެވެ.

"ދިވެހިންނަށް ތަޖުރިބާ ކުރެވިފައި އިނީ ސުނާމީ ވެސް އަރައި ފައިބައިގެން ދިޔައިމަ ދެން ގެދޮރު ނެތް މީހުންނަށް ސަރުކާރުން ގެދޮރު ހަމަޖައްސައިދިނޭ. ދެން ދުވަސްކޮޅެއް ފަހުން އެކަން ހަމައަކަށް އެޅިއްޖޭ. ދިވެހިރާއްޖެ އިގްތިސާދު ވެސް ތިޔަ ބުނާހާ ހާލަތަކަށް ނުދެޔޭ. ރިސޯޓުތަކުގަ ގެސްޓުން ވެސް ތިއްބޭ. އެހެނެއްނޫން މިއަދުގެ ހާލަތަކީ،" އީސަ ވިދާޅުވި އެވެ.

އީސަ އިތުރަށް ވިދާޅުވީ މިއަދުގެ ހާލަތަކީ ދުނިޔޭގައި ގައުމުތަކުގެ މަގުތަކުގައި މަރުވެފައިވާ މީހުން ވަޅު ނުލެވި ކުނިވަމުން އަންނަ ކަމަށާއި ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް އިނދަޖެހި ޔޫރަޕިއަން ޔޫނިއަނުގައި އެހީއަކަށް އެދި ސަލާމް ޖަހަމުން އަންނަ ކަމަށެވެ. 

އޭގެ އިތުރުން އީސަ ވިދާޅުވީ ޓޫރިޒަމަށް ބަރޯސާވެފައިވާ މި ރާއްޖޭގައި ގިނަ ރިސޯޓުތައް މިހާރު ވަނީ ބަންދުކޮށްފައި ކަމަށާއި ހިނދުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ވަޒީފާގެ ގެއްލިފައިވާ ކަމަށެވެ. އެގޮތުން ވަޒީފާ ނުގެއްލޭ މީހުންގެ މުސާރައިގެން އެއް ބައި އުނިކޮށް، އިތުރު ގަޑީގެ މުސާރަ ލިބޭ މީހުންނާއި ސާވިސް ޗާޖު ލިބެމުން އައި މީހުންނަށް އެ ވެސް ނުލިބޭ ކަމަށެވެ.

އީސަ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް މިކަމުން އަރައިގަންނާނެ މުއްދަތު ސީދާ ބުނަން ނޭނގޭ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހިނގަމުން އަންނަ ކަންކަމަށް ބަލާއިރު މިކަމަކީ ދެ މަސް ދުވަހުން ނިމޭނެ ކަމެއް ކަމަށް ވެސް ބުނަން ދަތި ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑު އެވާހަކަ ދައްކަން ޖެހުނު ސަބަބަކީ އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ދާއިރާގައި މާލޭގަ މިގޮތަށް ގެދޮރު ކުއްޔަށް ނަގައިގެން އުޅޭ މީހުންނަކީ ފިރިން ރިސޯޓުތަކުގައި މަސައްކަތްކުރާނެ، އަނބިން މާލޭގައި ވަޒީފާ އަދާކުރާނެ. ދެމަފިރިން ވަޒީފާ އަދާކޮށްގެން ކިރިޔާ ކުލި ދައްކާލައިގެން އުޅެވޭ ހާލަތުގައި ތިބި މީހުން. އެއްވެސް އެއްޗެއް ފަހަށް ރައްކާނުކުރެވި، ދަރިންގެ ހަރަދުތައް ބަލަހައްޓައިގެން ޒަރޫރީ ބޭނުންތައް ފުއްދައިގެން،"

އީސަ އިތުރަށް ވިދާޅުވީ އެތައް ބަޔަކު މިހާލަތުގައި ދިރިއުޅެމުން އަންނައިރު މާލޭގެ ކުލި ކުޑަކޮށްފައިވަނީ ވެސް މަދު ބައެއް ކަމަށެވެ. އަނެއް ބަޔަކު ހަމަ ނަގަމުން އަންނަ ބޮޑު ކުލި އަދިވެސް ނަގަމުން އަންނަ ކަމަށެވެ. 

މިހެންވެ، އިތުރަށް ދިރިއުޅުމުގެ ހާލަތު ގޯސްވެ، މަގުމަތިވުމުގެ ކުރިން ރަށަށް ދިއުމަށް އެދިވަޑައިގެން، އީސަ ވަނީ މި ހާލަތު ބަދަލުވުމުން ވެސް އަނބުރާ އާދެވޭނެކަން ފާހަގަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް