ads
މާލޭގައި މާރާމާރީ ހިންގި ހަ ބިދޭސީ މީހަކު މިފަހުން ވަނީ ޑީޕޯޓު ކުރަން ނިންމައިފަ
ޖިނާއީ ކުށްތަކުގައި އުޅޭ ބިދޭސީން ހޯދަން މީގެ ކުރިން ސަމާލުކަން ދީފައި ނެތް: ޝަމްއާން
ޖިނާއީ އެކި ކުށްތަކުގައި އުޅޭ ބިދޭސީން ހޯދައި އެ މީހުން ޑީޕޯޓު ކުރުމަށް މީގެ ކުރީ ސަރުކާރުތަކުން ސަމާލުކަން ދީފައި ނެތް ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ސަންގުޓީވީގެ "ސަރުކާރު" ޕްރޮގްރާމުގައި ޝަމްއާން ވިދާޅުވީ ޖިނާއި މައްސަލައެއްގައި ޝާމިލުވާ ބިދޭސީންގެ މައްސަލަތަކަށް އެޓެންޑުވެ ތަހުގީގެ ފުރަތަމަ މަރުހަލާގައި ޝާމިލުވާނީ ފުލުހުން ކަމަށެވެ. 

އަދި އެފަދަ މައްސަލައެއްގެ ތަހުގީގެއް ނިމި، ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ ޝަކުވާތައް ފުލުހުން ހުށަހެޅުމުން އިމިގްރޭޝަންގެ މަސައްކަތްތައް އެހާ ހިސާބުން ފެށޭކަމަށް ޝަމްއާން ވިދާޅުވި އެވެ. 

"ބިދޭސީއަކާ މެދު އަޅުގަނޑުމެން އެކްޝަން ނަގަނީ ހަމައެކަނި މިހެން އަންނަ ޝަކުވާއެއްގައި މީހަކު ބުނާ ބުނުމުގެ މައްޗަކަށް ނޫން، އަޅުގަނޑުމެން ކަށަވަރު ކުރާނަން، އެއަށް ވަގުތުކޮޅެއް ވެސް ނަގަނީ މައުލޫމާތު ސައްހަ ކަން ކަށަވަރުކުރަން،" ޝަމްއާން ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ޝަމްއާން ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ މިހާ ބޮޑަށް ގޯސްވެފައިވަނީ މިދިޔަ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމުންނެވެ.

އެގޮތުން، ޝަމްއާން ވިދާޅުވީ ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް އުޅުނު އެއްވެސް ބިދޭސީއަކު ޑީޕޯޓު ކޮށްފައިނުވާ ކަމަށާއި، ބިދޭސީންގެ މައްސަލަ މިހާ ގޯސްވެގެން ދިޔައީ އެ ސަރުކާރުގެ "އެންފޯސްމަންޓް" ދަށްވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދަނީ ކޮންމެވެސް ވަރަކަށް ދިވެހިންނާ ގުޅިގެން ކަން ފާހަގަވާ ކަމަށެވެ. އިމިގްރޭޝަނުން ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން ކޮންމެ ވެސް ވަރަކަށް ގެންގުޅޭ އުކުޅުތައް ވެސް ބަދަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މާރުކޭޓު ގޮޅިތަކަކީ ބިދޭސީންނަށް ވިޔަފާރި ކުރަން ތިބުން މަނާތަނެއް ނަމަވެސް، އެ މީހުން ބަލަހައްޓަމުން ގެންދާ ގޮޅިތައް ގިނަކަން ޝައްމާން ފާހަގަކުރެއްވި އެވެ. އަދި އެ މީހުންނާއި އެކު ކޮންމެވެސް ދިވެއްސަކު ޝާމިލުވާއިރު، މާރުކޭޓުން ގެންދިޔަ ބިދޭސީންނަށް ފަހު ބައެއް ދިވެހިންގެ ފަރާތުން އެކަމުގެ ސިޓީތަކެއް ލިބިފައިވާކަމަށް ޝައްމާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، ގަވައިދާ ހިލާފަށް މިތަނުގައި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވުނީމަ ވަރަށް ގިނަ ދިވެހިން.. ހުރި ސިޓީލާފައި ތިމަންނަ މިއީ މި ގޮޅީގައި ވިޔަފާރި ކުރަން އިންނަ މީހާއޭ، ތިމަންނަ ފާހަނައަށް ދިޔަ ވަގުތު ލާރި މާރުކޮށްލަން އިން މީހާއޭ ތި ގެންދިޔައީ.." ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގާނޫނު ތަންފީޒީ އިދާރާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމުގަ އެވެ. އިމިގްރޭޝަނުގެ ކޮންޓްރޯލާ ވަނީ އެ މަސައްކަތުގައި އާންމު ފަރާތްތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

".. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބިދޭސީންނަށް އަދި ހާއްސަކޮށް، ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަށް ގަވައިދުތަކަށް ގޮންޖެހުމުގެ ފުރުސަތެއް ނުދެވޭނެ.. އެފަދަ މީހުން ފާހަގަކުރެވޭނަމަ، އެ މީހުން ފުރުވާލެވޭނެ." ޝަމްއާން ވިދާޅުވި އެވެ. 

ޝަމްއާން ވިދާޅުވީ މީގެ ކުރިން ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ނަމުގައި ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައި އެބަހުރިކަމަށެވެ. އަދި ގިނަ ބަޔަކު ޑީޕޯޓު ކުރުމަށް ނިންމި ނަމަވެސް، އެ މަސައްކަތް ކުރެވިފައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅެ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ޕޯޓަލް އިމިގްރޭޝަނުން ވަނީ ތައާރަފުކޮށްފައެވެ މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. 

ސައުވީސް ގަޑިއިރު ހިދުމަތް ލިބޭ މި ޕްލެޓްފޯމަށް ފޮޓޯއާއި މިނޫން ވެސް މައުލޫމާތު ހުށަހަޅައި ރިޕޯޓް ކުރެވޭނެ އެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް https://imuga.immigration.gov.mv/report-offenceއަށް ގޮސް، އިމިގްރޭޝަން ވޮޗް ހިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެ އެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަންތަކުގައި މިހާތަނަށް 200އަށްވުރެ ގިނަ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ސްޕާތައް ވެސް ހިމެނެއެވެ.

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް