ފައިސާ ނުފޮނުވާ ކަމަށް ބުނެ އިއްޔެ ފެތުރުނު ވާހަކަތައް ދޮގުކޮށް ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެ ފައިސާ ޖަމާކޮށްދިނީ މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ކަމަށެވެ.
އެ ފައިސާ ފޮނުވީ ޑޮލަރުންނެވެ. އެއީ 1.2 މިލިއަން ޑޮލަރެވެ.
ޕީއެސްއެމް އިން އެ ފައިސާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިިދިޔަ މަހު އެވެ. ޓެލެތޯނަށް ލިބުނު ފައިސާ ގުނާފައި ވަނީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް އެ ޓެލެތޯން ޕީއެސްއެމުން ކުރިއަށް ގެންދިޔައީ މިދިޔަ ޖޫން މަހު 12 ގައި އެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީގެ ދިންއިރު، އާއްމުންގެ ގިނަ ބަޔަކު ވެސް ފައިސާ ހަދިޔާ ކުރި އެވެ.