ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ދައްކާލުމުގެ ފޯރިގަދަ ފުރުސަތު ހުޅުވާލާފައި މިވަނީ ޖަޕާނުގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިން ލިމިޓެޑުން ވިޔަފާރިތަކަށް އެމީހުންގެ "ފުޑް ޓްރިޕް" ވެބްސައިޓުގައެވެ.
1 އޭޕްރީލް 2024 އިން 31 މާޗް 2025 އަށް "ފުޑް ޓްރިޕް" ގައި ބީޓުބީ ޕްލެޓްފޯމް މެދުވެރިކޮށް ކުންފުނިތަކަށް ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް އަގެއް ނުލައި އިޝްތިހާރު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މި އިސްނެގުމަކީ ޖަޕާނުގެ މާކެޓަށް ވަދެ، އެމީހުންގެ ވިޔަފާރި ހުށަހެޅުންތަށް ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަގުހުރި ފުރުސަތެއްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެ އެވެ.
އެގޮތުން މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރާނީ "ފުޑް ޓްރިޕް" ޕްލެޓްފޯމް https://www.food-trip.jp މެދުވެރިކޮށް ކަަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރާއްޖެއިން ގާތް ގުޅުމެއް ޖަޕާނާއެކު ދަމަހައްޓަމުން އަންނައިރު އެގައުމުން ދަނީ ރާއްޖެއަށް އެކި ގޮތް ގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިފަހުން ޖަޕާނުން ވަނީ ހިލޭ ދޭ ސްކޮލާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ޖަޕާނުން ރާއްޖެއަށް ދޭ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް"ގެ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ހަޔާ އެޑިއުކޭޝަން މިނިސްތްރީން ބުނީ މި ސްކޮލާޝިޕްއަކީ ޖަޕާންގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް ދޭ ސްކޮލާޝިޕް ފުރުސަތެއް ކަމަށެވެ.