ads
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު
ދައުލަތާ ދެކޮޅަށް ކޯޓަށް ދިޔަ މަޖިލިސް މެންބަރު ހޫނު ފެނަށް
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، ދައުލަތާ ދެކޮޅަށް ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވަން މަސައްކަތް ކުރެއްވި މައްސަލައެއްގައި ބަންޑާރަ ނާއިބުގެ އޮފީހުން އެކަމާ ދެކޮޅު ހެދުމުން ޝަރީއަތް މެދު ކަނޑާލައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، ދައުލަތާ ދެކޮޅަށް ކޯޓަށް ވަޑައިގެންނެވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ދެކޮޅަށް ނ. މިލަދޫ ޗާންދަނީ ހައުސް އިލްޔާސް އަބްދުއްސަމަދު ދައުވާ ކުރާ މައްސަލައިގައި އޭނާގެ ވަކީލުގެ ހައިސިއްޔަތުންނެވެ. މި މައްސަލަ އޮތީ ހައިކޯޓުގައެވެ. މި މައްސަލައިގައި ހައިކޯޓުގައި މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އުފެއްދެވި ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓިއާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރެއްވޭނެތޯ އެވެ.

ބެންޗުން އުފެއްދެވި ސުވާލާ ގުޅިގެން އަބްދުއްސައްތާރު ވިދާޅުވީ އޭނާއަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާ ދެކޮޅަށް ދައުވާ ކުރުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އަބްދުއްސައްތާރު މުހައްމަދަކީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައިވެސް ހިމެނޭ މެންބަރެއް ކަމުގައިވާތީ ފަނޑިޔާރުންގެ ކުރި މައްޗަށް ވަކާލާތު ކުރުމަށް ވަޑައިގެންނެވުމުގައި މަސްލަހަތު ފުށޫ އަރާތޯވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.

ބެންޗުގެ ސުވާލާ ގުޅިގެން އަބްދުއްސައްތާރު ފުރަތަމަ ވިދާޅުވީ ޖުޑިޝަރީ ކޮމިޓިއަކީ ފަނޑިޔާރުން ޖަވާބުދާރީވާން ޖެހޭ ކޮމިޓީއެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޖޭއެސްސީ އިން ފަނޑިޔާރުންނާ ގުޅޭ ގޮތުން ނިންމާ ނިންމުންތައް ފުރަތަމަ މަރުހަލާގައި މަޖިލީހުގައި ބަލަނީ ޖުޑިޝަރީ ކޮމިޓީން ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

މި މައްސަލައިގައި އޭޖީ އޮފީހުގެ ސްޓޭންޑް ހޯދުމަށް ޝަރީއަތް ވަގުތު ކޮޅަކަށް މެދު ކަނޑާލުމަށްފަހު ދައުލަތުން ނެންގެވި ސްޓޭންޑަކީ ދައުލަތުގެ މުއައްސަސާއެއްގައި ހިމެނޭ މީހަކު ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެއްވޭނެ ކަމަށެވެ. ދައުލަތުން މި ސްޓޭންޑް ނެންގެވުމުން މައްސަލަ މިއަދު މެދުކަނޑާލީ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރުމަށް އަބްދުއްސައްތާރު މުހައްމަދު މައްސަލައިން ތަނާޒުލްވުމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް ދައުލަތާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ކޯޓަށް ވަޑައިގެންނެވި މައްސަލައެއް ފެންމަތިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް