ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ)ން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ކުއްޔަށް ދޫކުރަން ހުޅުވާލާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 20 ކިއޮސްކް އަށް ކަމަށެވެ.
އެގޮތުން ކިއޮސްކް ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައެޅިގެންދާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންކަމަށް އެޗްޑީސީން ބުނެ އެވެ.
ކިއޮސްކްތައް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އީއޯއައި ފޯމު ހުށަހެޅުން ކުރިއަށް ގެންދާނި 3 މަރުހަލާއަކަށް ބަހާލެވިގެންކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން ފޯމު ވިއްކުން ކުރިއަށް ދާނީ މިމަހުގެ 25 ހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހަށް ކަމަށްވާއިރު އެ މުއްދަތު ތެރޭ ކޮންމެ ރަސްމީ ދުވަހެއްގެ ހެންދުނު 9 އިން މެންދުރު 2:00 ކަށް ފޯމު ލިބޭނެކަމަށް އެޗްޑީސީން ބުނެ އެވެ.
މީގެއިތުރުން ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ފޯމު ވިއްކުމަށްވެސް ހަމަޖެހިފައިވާ މުއްދަތުތެރޭ ކޮންމެ ދުވަހެއްގެ މެންދުރު 14:00 ގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން ފޯމު ވިއްކާ އަދި ހުށަވެސް އަޅާނީ ސެންޓްރަލް މޯލް ގްރައުންޑް ފްލޯގެ އެޗްޑީސީ ރިސެޕްޝަނުން ކަމަށް އެ ކޯޕޮރޭޝަނުން ބުނެ އެވެ.
އެޗްޑިސީން ބުނީ އެކަމަށް ގުރުނެގުން ކުރިއަށް ދާނީ 19 ސެޕްޓެމްބަރުގެ ހެނދުނު 10:00 ޖަހާއިރުކަމަށެވެ. އަދި ގުރު ނެގިގެންދާނެ ތަނުގެ މައުލޫމާތު ފަހުގެ ތާރީހެއްގައި އިއުލާންކުރާނެކަމަށް އެޗްޑީސީން ބުނެ އެވެ.