އެއާއެކު، ޔޫއޭއީ ވެގެން ގޮސްފައި ވަނީ ތާލިބާނުން ފޮނުވާފައި ހުރި ސަފީރަކު ބަލައިގަނެފައިވާ ދެވަނަ ގައުމަށެވެ. މީގެ ކުރިން ތާލިބާން ސަފީރު ބަލައިގަނެފައި ވަނީ ޗައިނާއިންނެވެ.
ތާލިބާނުން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ސަފީރު ކަމުގެ ފަތްކޮޅު ބަލައިގަތުމަށް ޔޫއޭއީ ސަރުކާރުން ނިންމާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އެ ގައުމުގެ ސަރުކާރުގެ އޮފިޝަލެކެވެ.
މިއީ ބައިނަލްއަގްވާމީ ގޮތުން ވަރަށް ބޮޑަށް އެކަހެރިކޮށްފައި އޮތް ތާލިބާން ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލަށް އަރައިގަނެ, އެ ޤައުމުގެ އިންތިހާބީ ސަރުކާރު ވައްޓައިލާފައި ވަނީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުގެ 15ވަނަ ދުވަހު އެވެ. ނަމަވެސް, ތާލިބާނުން ގާއިމު ކޮށްފައިވާ ސަރުކާރު ބޭރު އެއްވެސް ގައުމަކުން, ނުވަތަ ބައިނަލްއަގުވާމީ އިދާރާއަކުން ވެސް ބަލައިގަނެފައެއް ނެތެވެ. ސަބަބަކީ ތާލިބާންގެ ވެރިންކަމުގައި އޮންނަ "ހަރުކަށި" ސިޔާސަތު ގިނަ ގައުމުތަކަށް ކަމުނުދިޔުމެވެ.
އަމިއްލަ އަށް ވެރިކަން އެރުމަށް ފަހު، ގައުމުގެ އަންހެނުންނާ މެދު ތާލިބާނުން އަމަލުކުރި ގޮތުގެ ސަބަބުން، އިސްލާމީ ގައުމުތައް ވެސް ހިމެނޭ ގޮތުން، ގިނަ ގައުމުތަކަކުން ވަނީ ތާލިބާނުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އަފްގާނިސްތާނުގައި 1996 ން 2001 ވަނަ އަހަރާ ދެމެދު އޭރު އޮތް ސަރުކާރަކީވެސް ތާލިބާން ސަރުކާރެކެވެ. އޭގެ 20 އަހަރު ފަހުން، އޮގަސްޓް 2021 ގައި އަލުން ވެރިކަމަށް އެރުމަށް ފަހު، ތާލިބާނުން އެންމެ ފުރަތަމަ ވެސް ބުނީ، މިއީ ކުރީގެ ތާލިބާން ޖަމާއަތް ނޫން ކަމަށާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ކަމަށެވެ. ނަމަވެސް ވެރިކަމުގައި މާ ގިނަ ދުވަސްތަކެއް ނުވަނީސް، ތާލިބާން ޖަމާއަތުގެ ހަގީގީ ސޫރަ ފެންނަން ފެށި އެވެ.
އެ ގޮތުން ތާލިބާނުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި ހުރިހާ އަންހެނުން ވަޒީފާތަކުން ވަކިކޮށްލުމެވެ. އެއަށް ފަހު، 2021ގެ ޑިސެމްބަރު މަހުން ފެށިގެން، ސާނަވީ މަރުހަލާގެ ސްކޫލްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރި އެވެ. އަދި ޔުނިވަސިޓީތަކުގައި އަންހެނުންނަށް ކިޔަވައިދިނުން، 20 ޑިސެމްބަރު 2022 އިން ފެށިގެން މަނާކުރި އެވެ.
އޭގެ އިތުރުން އެ ގައުމުގެ އަމިއްލަ މީހުން ހިންގާ ކުންފުނިތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުގައި އަންހެނުން ވަޒީފާ އަދާކުރުން ވެސް މަނާކުރި އެވެ. އަދި ބައިނަލްއަގުވާމީ މުޖްތަމައުން ފޮނުވާ އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރާ، ބޭރުގެ އަމިއްލަ ޖަމާއަތްތަކާ އެކުގައި މަސައްކަތް ކުރުން ވެސް އަންހެނުންނަށް މަނާކުރި އެވެ.