ads
ފިޝަރީޒް މިނިސްޓާ ޝިޔާމް
އިއްޔެ އުޅުނީ މާލީ ބަޣާވާތެއް ގެންނަން: ޝިޔާމް
ބީއެމްއެލުގެ ސީއީއޯ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އިދިކޮޅު އެމްޑީޕީން އަޑީގައި ތިބެގެން މާލީ ބަޣާވާތެއް ހިންގަން މަސައްކަތްކުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ތުހުމަތު ކުރައްވައިފި އެވެ.
Advertisement

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ދެންމެ ވިދާޅުވީ ބަޣާވާތަކީ އެމްޑީޕީން ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި ބަޣާވާތުގެ ވަރަށް ގިނަ ވައްތަރުތައް ހުންނަ ކަމަށެވެ. އެގޮތުން އިއްޔެ އިރު އެރިއިރު އެމްޑީޕީ އަޑީގައި އޮވެގެން މާލީ ބަޣާވާތެއް ގައުމަށް ގެންނަން މަސައްކަތް ކުރި ކަމަށް ޝިޔާމް ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން ނިންމުން ނިންމި އިރުގައި، އެމްޑީޕީ ސަރުކާރުގައި މަސައްކަތް ކުރި ބޭފުޅުން ޕްރެސްކޮންފަރެންސްގައި ތިބީ އެ ވާހަކަ ދައްކަވަން ކަމަށާއި އެއީ އިއްތިފާގެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވެސް ހަމަ އެ ގޮތަށް ވާހަކަތައް ބައްޓަން ކުރައްވަމުން ވިދާޅުވީ ރައްޔިތުންގެ "ކަރުގަހިފަން" ބޭންކުން ނިންމުމުގެ ފަހަތުގައި ތިބީ އެމްޑީޕީ ކަމަށެވެ. އޭނާގެ މި ތުހުމަތުތަކަށް ބާރު ދިނުމުގެ ގޮތުން ވިދާޅުވީ، ބީއެމްއެލްގެ ނިންމުން އިއުލާނުކުރި ވަގުތުގައި އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.

"އިއްޔެ އިރު އެރި އިރުގައި މާލީ ބަގާވާތެއް ގެންނަން މި މީހުން އަޑީގައި ތިބެގެން، މާލީ ބަގާވާތެއް ގެންނަން މަސައްކަތް ކުރީ. އެއީ އިއްތިފާގެއް ނޫން. ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގަހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސެއްގައި،" ޝިޔާމް ވިދާޅުވި އެވެ.

ބީއެމްއެލްގެ ބޯޑުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ އެއްގޮތަށް، އެ ބޭންކުން އިއްޔެ ހެނދުނު ވަނީ ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް, އިއްޔެ ހަވީރު އެ ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

އެއާ އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްއިން އެކަން އިއުލާންކުރީ އެގޮތަށް އަމަލުނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައިވަނިކޮށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އިއްޔެ ހިންގަން އުޅުނު ބަގާވާތް ކާމިޔާބު ނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލުކަމުންނެވެ. އަދި އެމަނިކުފާނާއެކީ މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އިއްޔެ ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވީ ރައީސް ކުރެއްވި މަސައްކަތުން ކަމަށެވެ.

ޝިޔާމް މި ވާހަކަތައް ދެއްކެވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ، އިއްޔެ ހިނގައިދިޔަ ކަންކަމަކީ ގާނޫނީ ސަރުކާރު ވައްޓާލަން ރޭވިގެން ހިނގި އަމަލެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަން އިއުލާންކޮށްފަ އެވެ.

ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ގައުމު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވީ، އެ ޕާޓީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެން ޒިންމާދާރުކަމާއެއްކޮށް މި ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީ، އަދިވެސް ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ނުވަ މަސް ވީއިރު ކިޔަމުން ދަންޏާ އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ނާގާބިލުކަން މަތީގަ ސިލޯނަށް ވީ ގޮތް މި ގައުމަށް ވަމުންދާތަން." ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުގައި ތިބި ފަރާތްތަކާއި ގައުމު އަދި ދިވެހިންގެ ސަލާމަތަށް ޓަކާ މިހާރު ތިބިހެން ތިބެވެން ނެތް ކަމަށް އޭނާވެސް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް