ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޒުވާނުން ބާރުވެރިކުރުމަށާއި ޒުވާނުންނަށް އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެގޮތުން ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެގޮތުން ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މެނިފެސްޓޯގެ ބޮޑުބައެއް ހާއްސަކުރެވިފައިވާކަން ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރައްވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައްޔިތުންނަށް ހަގީގީ މާނައިގައި އާމްދަނީ އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަމާއި، ޑޮލަރު އިތުރުކުރުމަށާއި ރެވެނިއު އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ހިނދުކޮޅެއް މި ސަރުކާރުން ހޭދަކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މުހިންމު ބަދަލުތަކެއް އެމްއެމްއޭގެ ރެގިއުލޭޝަންތަކަށް ގެންނެވުމަށް ނިންމަވާފައިވާކަން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ބަދަލުތައް ގެނައުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާ އެމަނިކުފާނު ވިދާޅުވީ "ބްލެކް މާކެޓް" ގައި ފައިސާ މާރުކުރުން މަދުކުރެވި ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް ބޮޑަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން "ކޯޕަރޭޓް އިންކަމް ޓެކްސް" ދެއްކުމުގައި ޑޮލަރުން ޓެކްސް ދެއްކުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ވަނީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ދީނީކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބަވަނަވަމުންމިދާ ދުނިޔޭގައި ފެންނަމުންދާ އިސްލާމް ދީނާ ހިލާފު އޮއިވަރުތަކުގައި ދަރިން ނުޖެހި ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ރައީސް ރޭގެ ޖަލސްސާގައި ރައްޔިތުންނަށް ދެއްވި އެވެ. އަދި ޖުޑިޝަރީއިން މިނިވަންކަމާއެކު މައްސަލަ ބަލައި ހުކުމެއް އައިސްފިނަމަ އެ ހުކުމް ތަންފީޒުކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.