ހެލްތް މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާއްމު ސިއްހަތާއި ގުޅުން ހުރި މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން މާލޭސަރަޙައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ހަތަނެއް އިންސްޕެކްޓްކޮށްފައިވާކަމަށެވެ.
މި އިންސްޕްކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހެލްތު މިނިސްޓްރީއާ ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ބަލައި ފާސްކުރި ތަންތަން
- މެންބަރު ހޮޓެލް / މ. ކަފަގަސްދޮށުގެ
- 1979 ޝޮޕް /
- ދޮންމަނިކް / މ. ހުއިވަނި
- ކެފޭ ކޯނަރު / މ. ހަނީ ސަކުލް
- ދަ ކެބިން ( ޓޭކްއަވޭ ) / މ. ހަނީ ސަކުލް
- މއ. ހަނީ ސަކަލް ( ގޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބަދިގެއެއް )
މިތަންތަނުގެ ތެރެއިން ތަނުގެ އާއްމު ސާފުތާހިރުކަން ދަށްވުމުގެ ސަބަބުންނާ، ޢާއްމު ސިއްހަތަށް ނުރައްކާވެދާނޭ ހާލަތެއް މެދުވެރި ވެދާނޭކަމަށް ފާހަގަކުރެވޭތީ މެމްބަރ ހޮޓެލް / މ. ކަފަގަސްދޮށުގެ، ދަ ކެބިން ( ޓޭކްއަވޭ ) / މ. ހަނީ ސަކުލް އަދި މއ. ހަނީ ސަކުލް ގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އައި ބަދިގެއަސް ނޯޓިސް ދީފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ތަންތަނުގައި ހަރުކޮށްފައިވާ ނޯޓިސް ނައްޓާ ހިދުމަތް ކުރިޔަށް ގެންދެވޭނީ އެފަރާތްތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްފަހު އެކަން އެންގުމުން ، ބަލައި ފާސްކޮށް ކަށަވަރު ކުރުމަށްފަހުކަމަށްވެސް ހެލްތުން ބުނެެއެވެ.
މީގެ އިތުރުން އާންމު ސިއްހަތަށް ނުރައްކާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ގެންދިޔަ ހުޅުމާލޭގެ 10 ތަނެއް މިދިޔަ ހަފްތާގައި ބަލާފާސްކޮށް ނޯޓިސް ދީފައިވާކަމަށްވެސް ހެލެތުން ބުނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ސްޕެޝަލް އޮޕަރޭޝަންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުޅުމާލޭ ފޭސް 2 ގެ 8 ތަނެއް ބަލާފާސްކޮށް އެތަންތަނުގައި ފެނާ ކަރަންޓުގެ އެއްވެސް ހިދުމަތެއް ނެތި އާއްމުސާފުތާހިރުކަން ދަށްކޮށް މަސައްކަތް ކުރަމުން ދާތީ، މިކަމަކީ އާއްމު ސިއްހަތަށް ނުރައްކާވެދާނޭ ހާލަތެއް މެދުވެރި ވެދާނޭކަމަށް ފާހަގަކުރެވޭކަމަކަށްވާތީ އެތަންތަނަށްވެސް ނޯޓިސް ދީފައިވާކަމަށް ހެލެތުން ބުނެއެވެ.
މީގެއިތުރުން ގެސްޓް ހައުސްގެ ގޮތުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ކާބޯތަކެތީގެ ހިދުމަތްދެމުންދިޔަ ދެ ތަނެއްވެސް ބަންދުކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.