ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލީ 2015 ވަނަ އަހަރު އެވެ. އެ ލޯންޗުގައި އެއްޗެއް ގޮވީ އެ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެޑައިގަތުމަށްފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން މާލެއަށް ދަތުރުކުރައްވަނިކޮށެވެ. އެ ލޯންޗު ގޮވީ މާލޭ ފަޅަށް ވަދެ ތޮއްޓާއި ގާތްކުރަނިކޮށެވެ. އެ ހާދިސާގައި ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް އެކިވެރިގެ އަނިޔާވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވި އެވެ.
މިރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިހާރު ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮވުމަކީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެކޭ މިހާރު ހީވެލައްވާކަމަށެވެ. އަދި އެކަން ކުރީ މީހާރު ރައީސް ޔާމީންގެ އަރިހުގައި ހުންނެވި ކެޕްޓަން އަހުމަދު ފަޔާޒްކަމަށް ޔާމީން އޭރު ވިދާޅުވިކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ލޯންޗު ގޮއްވާލި މައްސަލާގެ ޝަރީއަތް ހިގަމުންދިޔައިރު އެއީ ޑްރާމާއެއް ބާ އޭ ހިތަށް އޭރު އަރާވަދައި ނުގަންނަވާކަމަށެވެ. ސަބަބަކީ އޭރު އިތުބާރުކުރެއްވީ ޔާމީން ދެއްކެވި ވާހަކަތަކަށް ކަމަށާއި އެހެންނަމަވެސް ރާއިސް ޔާމީން މިއަދު ދައްކަވާ ވާހަކަތަކުން ފެންނަ މަންޒަރު ތަފާތުކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވާލި މައްސަލައިގައި ތުހުމަތުގައި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށް ތަހުގީގު ހިންގިއެވެ. އަދި އައިޑީއެއް ހަދާ ލޯންޗު ގޮއްވާލިކަން ސާބިތުވުމުން ޓެރަރިޒަމް ގާނުނުގެ ދަށުން 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ޖަލަށް ލިޔެއެވެ.
އަދި އޭރު މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރަކަށް ހުންނެވި ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވެސް ދެ އަހަރަށް ޖަލަށްލާން ކްރިމިނަލްކޯޓުން ހުކުމްކުރިއެވެ. އޭނާގެ މައްޗަށް ދައުވާކުރީ ތަހުގީގީ އުސޫލުތަކާ ހިލާފަށް ހެކި ނެގިކަމުގެ ކުށުގަ އެވެ.